ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓަކީ ވަރަށް ހަރަދު ކުޑަ މީހެއް ކަމަށް ބުނެފި އެވެ.
ބޮލީވުޑްގައި މިވަގުތު އެންމެ އަގުބޮޑު އެއް ތަރި ކަމަށްވާ އާލިއާ ބޮލީވުޑަށް ނުކުތީ 2012 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ސްޓޫޑެންޓް އޮފް ދި އިއާ" އިންނެވެ. އެ ފިލްމު އޭނާ ކުޅެދިނީ 15 ލައްކަ ރުޕީސް އަށެވެ.
އޭގެ ފަހުން އަގު ބޮޑުވަމުން ގޮސް މިހާރު އޭނާ ފިލްމެއް ކުޅެދޭ އަގު އުޅެނީ 20 ކްރޯޑުން މަތީގައި އެވެ. އެއަށްވުރެ ބޮޑުކޮށްވެސް އޭނާ ލައްވާ ފިލްމު ކުޅުވަން ޑައިރެކްޓަރުން ތައްޔާރެވެ.
މިއަހަރު އޭޕްރިލް މަހު ރަންބީރު ކަޕޫރާއި ކައިވެނި ކުރި އާލިއާ ބުނީ ކައިވެންޏާއި ހަމައަށް އޭނާގެ ފައިސާގެ ކަންކަން ހަމަޖައްސަނީ މަންމަ ކަމަށެވެ. ފުރަތަމަ ފިލްމަށް ފަހު ލިބުނު ހުރިހާ ފައިސާއެއްވެސް ޖަމާ ކުރީ މަންމަ އެކައުންޓަށް ކަން ފާހަގަކޮށް އާލިއާ ބުނެފައިވަނީ އޭނާ އަކީ މާ ގިނަ އެއްޗިހި ގަންނަން ބޭނުންވާ މީހެއް ނޫން ކަމަށެވެ.
އާލިއާ ބުނީ އަމިއްލަ ކާރެއް ފުރަތަމަ ގަތީ އުމުރުން 20 އަހަރުގައި ކަމަށެވެ. އޭގެ ފަހުން އަބަދު އާ ކާރު ގަތުމުގެ ވިސްނުމާއި މަޖާކޮށް ބޭކާރު ހަރަދު ކުރުމަކީ ކުރާހިތްވާ ކަމެއް ނޫން ކަމަށެވެ. އެކަމަކު ލިބޭ ފައިސާގެ ބޮޑު އަދަދެއް އޭނާ ކޮންމެ އަހަރަކުވެސް ޖަނަވާރު ހިމާޔަތް ކުރާ ޖަމިއްޔާތަކަށް ހަދިޔާ ކުރާ ކަމަށެވެ.
އެއީ އަމިއްލަ ހިތްހަމަ ޖެހުމަށް އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ ކަމެއް ކަމަށް ބުންޏެވެ. އޭނާ ޖަނަވާރު ދެކެ ލޯބިވާވަރުން ވަރަށް ބޮޑު ކުއްތާއެއް ގޭގައި ގެންގުޅެ އެވެ. އޭނާ ރަންބީރާއި އިނދެގެން އެގެއަށް ދިރިއުޅުން އެއްކޮށް ބަދަލު ކުރި އިރު ގެންދިޔަ އެއްޗެހީގެ ތެރޭގައި އެ ކުއްތާ ހިމެނެ އެވެ.
މަދު އަހަރުތަކެއްގެ ތެރޭގައި އާލިއާ ވަނީ ލިބުނު ފައިސާ ބޭކާރު ގޮތުގައި ދުއްވާ ނުލާ މުހިންމު ބޭނުމަކަށް ބޭނުން ކޮށްފަ އެވެ.
އާލިއާ ވަނީ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސް އަކާއި ކުޑަކުދިންގެ ހެދުން ބްރޭންޑެއް އުފައްދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް