ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ނިޒާމަކަށް އޮތީ ބަރުލަމާނީ ނިޒާމު: ބޮންޑޭ

ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ނިޒާމަކަށް އޮތީ ބަރުލަމާނީ ނިޒާމު ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ބަރުލަމާނީ ...

21 Aug 2021 | 16:35

ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ނިޒާމަކަށް އޮތީ ބަރުލަމާނީ ނިޒާމު ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމުގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާ ޕެޓިޝަނެއް ތައްޔާރުކޮށް އެ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

ބޮންޑޭ ވިދާޅުވީ ރައްޔިތުން ބޭނުންވުމުން އެއިރެއްގައި އޮންނަ ސަރުކާރު ވައްޓާލެވެންޖެހޭ ކަމަށާއި، އެކަންކުރެވޭނީ ބަރުލަމާނީ ނިޒާމުގެ ތެރެއިން ކަމަށެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ބޮންޑޭ ވިދާޅުވީ މިނިސްޓްރީތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށް ނުދެވި، ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތަށް ނުދެވުމުން ރައްޔިތުންނަށް އޮތީ 5 އަހަރުގެ ދައުރު ނިމެންދެން މަޑުކުރުން ކަމަށެވެ.

އެހެންނަމަވެސް ބަރުލަމާނީ ނިޒާމުގައި ރައްޔިތުން އެދޭގޮތަކަށް ސަރުކާރު ނުހިނގާނަމަ، ރައްޔިތުންނަށް އެދޭގޮތަށް އެކަންކަން ކުރެވޭނެ ފުރުސަތު އޮތްކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ބޮންޑޭ މިފަދައިން ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ބަރުލާމާނީ ނިޒާމު ގެނައުމަށް ހުށަހަޅާ ޕެޓިޝަންގައި ވީހާވެސް ގިނަބަޔަކު ސޮއި ކުރުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ނަޝީދަކީ ފެށުނީއްސުރެ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ އަދި ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި ތަފާތުއެކި މަންސަ (ފޯރަމް) ތަކުގައި އެމަނިކުފާނު ގެންދަވަނީ އެ ޚިޔާޅުފުޅު ތަކުރާރު ވެސް ކުރައްވަމުން ނެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމާއިގުޅޭގޮތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެމަނިކުފާނަށް މިވަގުތު މުހިންމުފުޅީ ބަރުލަމާނީ ނިޒާމަށް ވިސްނުން ނޫން ކަމަށާއި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެވުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް