ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ނޫސްވެރިންގެ ކެޓަގަރީއެއް ނޯންނަންވީ ސަބަބެއް ނެތޭ ބުނުމުން ބައެއް މީހުންގެ ހިތަށް ސުވާލުމާކެއް އަރާފާނެއެވެ. އެކަމަކު ދަންނާންޖެހޭ ހަގީގަތަކީ މި ދައްކަނީ ރަނގަޅު ވާހަކައެއް ކަމެވެ. ހޭޖެ ވާހަކައެއް ކަމެވެ.
ނިމިގެން ދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބިޔަ އެއް މަޝްރޫއަކީ ހިޔާ މަޝްރޫއެވެ. ހިޔާ މަޝްރޫޢުގެ ފްލެޓަށް އެދޭ ފޯމުގައި ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ، ޓީޗަރުންނަށް ޚާއްޞަ ކެޓެގަރީ އަދި ފުލުހުންނާއި ސިފައިންގެ ކެޓެގަރީ އެއް އޮތެވެ.
އެއީ ގައުމަށް ޚިދުމަތްކުރާ މުހިންމު ބަޔަކަށް ވާތީއެވެ. ގައުމީ ޚިދުމަތުގައި ދެމި ތިބޭ ބަޔަކަށް ވާތީ ދެވުނު ހާއްސަ ކަމެކެވެ، އިސްކަމެކެވެ.
އެކަމަކު ދެރަ ހަގީގަތަކީ ޑޮކްޓަރުންނާއި ނަރުހުން އަދި ފުލުހުންނާއި ސިފައިން ފަދައިން ރެއާއި ދުވާލު ގައުމަށް ޚިދުމަތްކުރާ އެހެން ބަޔަކު ވެސް ތިބިކަން ފްލެޓް ފޯމަށް ނޭނގުމެވެ. ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއާ ވެސް އެކަން އެނގިފައި ނެތުމެވެ، އާނއެކެވެ، މި ދައްކަނީ ނޫސްވެރިންގެ ވާހަކައެވެ. ޢީދެއް، ހުކުރެއް، ހޮނިހިރެއް ނުބަލައެވެ. 24 ގަޑިއިރު އެ ތިބެނީ ރައްޔިތުންގެ ޚިދުމަތުގައެވެ. ގައުމީ ޚިދުމަތުގައެވެ.
ކޮންމެ ދާއިރާއެއްގައިވިޔަސް ވަޒީފާއެއް އަދާކުރުމުގައި ހުރުން ލާޒިމު ސިފަތަކެއް ހުރެއެވެ. ނޫސްވެރިކަމުގެ ދާއިރާގައި ނަޒާޙަތްތެރިކަން ހުރުމަކީ މުހިއްމުކަމެކެވެ. އެއީ، ނޫސްވެރިކަމަކީ އެހެން ފަރާތްތަކަށް ފާރަވެރިވާން ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ހަތަރުވަނަ ބާރުކަމުގައި ހަމަޖެހިފައިވާ ފަރާތްކަމުގައިވާތީއެވެ. މިސިފަތަކުގެ ސަބަބަން ނޫސްވެރިންނަކީ މުޖުތަމަޢުގައި ހާއްސަ ގަދަރެއް ދެވިފައިވާ ބައެކެވެ. މަދު ބަޔަކު ބަލައިނުގަތަސް ނޫސްވެރިން ކުރާ މަސައްކަތް ގިނަ ބަޔަކު ބަލައިގަންނަނީ އުފަލާއެކުއެވެ.
ނޫސްވެރިކަމަކީ ސަރުކާރެއް ދެމިއޮތުމުގެ މައިބަދައެވެ. ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތް ފެށިގެން އައީވެސް، ދިވެހި ނޫސްވެރިކަމުގެ މިނިވަން މާޙައުލެއް ޤާއިމުކޮށްދެމުންނެވެ. 1932 ވަނަ އަހަރު އެކުލަވައިލި ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގައި ބުނެފައި އޮންނަނީ؛ "ޝަރީއަތާއި ޤާނޫނާ ޚިލާފު ނުވާގޮތުން، މީސްތަކުންގެ ބުއްދިއަށް ފެންނަ ކަންކަން، ދުލާއި ޤަލަމުން ފާޅުކުރުމަކީ، ހުއްދަވެގެންވާ ކަމެއް" ކަމަށެވެ.
މި ދެންނެވި ކޮންމެ ކަމަކުން ވެސް ނޫސްވެރިންގެ ހާއްސަކަން އެބަ އެނގެއެވެ. އެހެންވެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ނޫސްވެރިންގެ ކެޓަގަރީއެއް ނޯންނަންވީ ސަބަބެއް ނެތޭ ދެންނެވުނީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް