ކޮވިޑު 19 ގެ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން މި ބަލީގެ ވޭދަނަތައް އިތުރު ވަމުން ދިއުމާއި ގުޅިގެން ގިނަ ޤައުމުތަކުން ކޮވިޑު ދިފާއު ވެކްސިން ޖެހުން ލާޒިމް ކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.
މި ނުރައްކާތެރި ވޭރިއެންޓާއި ދެކޮޅަށް މަސައްކަތް ކުރުމަށް ގިނަ ޤައުމުތަކުގައި ވެކްސިން ޖެހުން މަޖުބޫރުވާ މީހުންގެ ތެރޭގައި ހިމެނޭނީ ސިއްޙީ ޚިދުމަތް ދޭ ފަރާތްތަކާއި ހައި ރިސްކުގައި ހިމެނޭ އެހެނިހެން ގުރޫޕްތަކެެވެ. މީގެ އިތުރުން، ރެސްޓޯރެންޓުތަކުން ކެއުމުގެ އިތުރުން ގިނަ ޚިދުމަތްތަކެއް ހޯދުމުގައި ވެކްސިންގެ އެއް ޑޯޒު ޖަހާފައިވުން ނުވަތަ ނައްސި ޕީސީއާރް ޓެސްޓެއް ހުށަހައެޅުމަށްވެސް ބައެއް ޤައުމުތަކުގައި އަންނަނީ ޤަވައިދުތައް އެކުލަވާ ލަމުންނެވެ.
އަދި ބައެއް ޤައުމުތަކުން އެ ޤައުމަށް އެތެރެވާ މީހުންނާއި ޤައުމުން ބޭރުވާ މީހުންނަށް ވެކްސިން ޖެހުން ލާޒިމް ކުރެއެވެ. އެގޮތުން ތިރީގައި އެވަނީ ވެކްސިން ޖެހުން ލާޒިމް ކުރާ ބައެއް ޤައުމުތަކާއި އެ ޤައުމުތަކުން ވެކްސިން ޖެހުމުގައި ގެންގުޅޭ އުސޫލުތަކެވެ.
ސައޫދީ އަރަބިއްޔާ
ސައޫދީން ވަނީ މިދިޔަ މެއި މަހު ސަރުކާރު ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މަސައްކަތަށް ނިކުންނަން ބޭނުން ނަމަ ވެކްސިން ޖެހުމަށް އަންގާފައެވެ. މި ޤަވައިދު ތަންފީޒު ކުރަން ފަށާނެ ވަކި ތާރީޚެއް މިހާތަނަށް އިއުލާން ކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، ސަރުކާރު އަދި އަމިއްލަ އޮފީސްތަކަށް ވަނުމަށާއި ތަޢުލީމީ އެއްވެސް އިމާރާތަކަށް ވަނުމަށް ވެސް ވެކްސިން ޖަހަން ޖެހެއެވެ. އަދި ޕަބްލިކް ޓްރާންޕޯޓުގެ ޚިދުމަތް ބޭނުން ކުރެވޭނީވެސް ވެކްސިން ޖަހައިގެންނެވެ. މި ޤަވައިދުތައް ވަނީ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ފަށާފައެވެ. އަދި މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޤައުމުން ބޭރަށް ދާ ސައޫދީ ރައްޔިތެއް ނަމަ ވެކްސިންގެ 2 ޑޯޒު ފުރިހަމަ ކުރަން ޖެހޭ ކަމަށްވެސް ސައޫދީން ވަނީ ކަނޑައަޅާފައެވެ.
މޮލްޓާ
ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއް ކަމަށްވާ މޮލްޓާއިން އަންނަނީ ކޮވިޑު ދިފާއު ވެކްސިންއަށް ވަަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެމުންނެވެ. އެގޮތުން، ވެކްސިންގެ 2 ޑޯޒު ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެ ޤައުމަށް ޒިޔާރަތް ނުކުރެވޭނެ ކަމަށް ޖުލައި މަހުގެ 14 ވަނަ ދުވަހު ވަނީ ކަނޑައަޅާފައެވެ.
މިއީ ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުގެ ތެރެއިން މި ގޮތަށް ނިންމާފައިވާ ފުރަތަމަ ޤައުމުކަން ފާހަގަ ކޮށްލެވެއެވެ.
އިންޑޮނީޝިއާ
އިންޑޮނީޝިއާގައި ވެކްސިން ޖެހުން ލާޒިމް ކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި އެ ޤައުމުން އަންނަނީ ވެކްސިން ނުޖަހާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންނެވެ.
ވެކްސިން ނުޖަހާ މީހުން އެ ޤައުމުގެ 5 މިލިއަން ރުޕިޔާއާއި ހަމައަށް ޖޫރިމަނާ ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ގާތްގަނޑަކަށް 357 ޑޮލަރެވެ.
ސްރީލަންކާ
އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެއް ޕްރޮވިންސުން އަނެއް ޕްރޮވިންސަށް ދަތުރު ކުރުމަށް ވެކްސިން ކާޑު ބޭނުންވާނެ ކަމަށް ލަންކާގެ ސަރުކާރުން ވަނީ މި މަހުގެ 13 ވަނަ ދުވަހު އިއުލާން ކޮށްފައެވެ.އަދި އާންމުން ބޭނުން ކުރާ ސަރަޙައްދުތަކުގައި ވެސް ވެކްސިން ކާޑު ބޭނުންވާނެ ކަމަށް ލަންކާ ސަރުކާރުން ވަނީ އަންގާފައެވެ.
އިނގިރޭސިވިލާތް
އަންނަ އޮކްޓޯބަރު މަހުން ފެށިގެން އިނގިރޭސިވިލާތުގައި ވެސް މުސްކުޅި މީހުންނާއި ބަލި މީހުން ބަލަހައްޓާ ކެއަރ ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިން ޖެހުން ލާޒިމް ކުރާނެއެވެ. އަދި ސެޕްޓެމްބަރު މަހުން ފެށިގެން ނައިޓު ކުލަބުތައް ފަދަ ގިނަ މީހުން އެެއްވާ އެއްވެސް ތަނަކަށް ދާނަމަ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި ކަމުގެ ލިޔުމެއް އިނގިރޭސިވިލާތުގައި ހުށަހަޅަން ޖެހޭނެއެވެ.
އެމެރިކާ
ޖުލައި މަހުގެ 30 ވަނަ ދުވަހު އެމެރިކާގެ ރައީސް ބައިޑެން ވަނީ ލޯކަލް ސަރުކާރުތަކަށް ރައްޔިތުންނަށް ވެކްސިން ޖެހުމަށް ޚަރަދު ކުރުމަށް އަންގަވާފައެވެ. އަދި ސަރުކާރުގެ މުވައްޒަފުންނަށް ވެކްސިން ފުރިހަމަ ކުރި ކަމުގެ ހެކި، ނުވަތަ އެ ނެތް ނަމަ އާންމުކޮށް ޕީސީއާރް ޓެސްޓު ހެދުމާއި މާސްކު އެޅުން މަޖުބޫރު ކުރުން ފަދަ އުސޫލުތައްވެސް އެމެރިކާއިން ގެންގުޅޭތާ ގިނަ ދުވަަސްތަކެއް ވަނީ ވެފައެވެ.
މިމަހު ވައިޓް ހައުސްއިން ވަނީ އެ ޤައުމަށް ޒިޔާރަތް ކުރާ ފަރާތްތައްވެސް ވެކްސިން ޖެހުން ލާޒިމް ކުރުމަށް ވިސްނަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް އަދި ރަސްމީކޮށް މި ގޮތަށް ނުނިންމާ ކަމަށާއި، އެ ޤައުމުގެ ބޯޑަރުތައްވެސް އަވަސް އަރުވާލާފައި ހުޅުވާ ނުލާނެ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.
ނިޔު ޔޯކު ފަދަ ބޮޑެތި ސިޓީ ތަކުގައި މިހާރު ރެސްޓޯރެންޓު ފަދަ ތަންތަނުގައި ކެއުމަށްޓަކައިވެސް ވެކްސިން ޖެހި ކަމުގެ ހެކި ބޭނުން ވާއިރު، ނިޔު ޖަރޒީގެ ސްޓޭޓް ހެލްތު ކެއަރ މުވައްޒަފުންނާއި ޖަލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ވެކްސިން ޖަހުން ވަނީ ލާޒިމް ކޮށްފައެވެ. މީގެ އިތުރުންވެސް ގިނަ ސިޓީތަކެއްގައި މިހާރު އަންނަނީ އެކި އެކި ޚިދުމަތްތައް ދިނުމާއި ލިބިގަތުމުގައި ވެކްސިން ޖެހިކަމުގެ ހެކި ދައްކަން ޖެހޭ ގޮތަށް ޤަވައިދުތައް އެކުލަވައި ލަމުންނެވެ.
ރަޝިއާ
ރަޝިއާއިން ވަނީ ޖޫން މަހު އާންމު ޚިދުމަތްތައް ފޯރު ކޮށްދޭ ހުރިހާ މުވައްޒަފުން ވެކްސިން ޖެހުމަށް އަންގާފައެވެ. އަދި މަހެއްހާ ދުވަސްތެރޭ 60 އިންސައްތަ ސްޓާފުންނަށް ފުރަތަމަ ޑޯޒު ދެވޭނެ ފަދަ ގޮތަކަށް، މި ކަން ފުރިހަމަ ކުރުމަށްޓަކައި އެ މީހުންނަށް 1 މަސް ދުވަހުގެ މުހުލަތެއް ރަޝިއާ ސަރުކާރުން ވަނީ ދީފައެވެ.
މި މުއްދަތުގެ ތެރޭގައި ވެކްސިން ފުރިހަމަ ނުކޮށްފި ނަމަ ކުންފުނިތައް ވަގުތީ ގޮތުން ބަންދު ކުރުން، ނުވަތަ ބޮޑެތި ޖޫރިމަނާތަކެއް ކުރުން ފަދަ އަދަބުތަކެއް ކަނޑައަޅާފައި ވެއެވެ. ނަމަވެސް ރެސްޓޯރެންޓުތަކުގައި ކާއިރު ނުވަތަ ކެފޭތަކުގައި މަޑު ކުރާއިރު ވެރި ރަށް މޮސްކޯގެ ރައްޔިތުން މިހާރު ވެކްސިން ޖެހި ކަމުގެ ހެކި ދައްކާކަށް ނުޖެހެއެވެ.
އޮސްޓްރޭލިއާ
އޮސްޓްރޭލިއާއިން ވަނީ ޖޫން މަހުން ފެށިގެން ހައި ރިސްކުގެ މުސްކުޅި އުމުރު ފުރައިގެ މީހުންނަށާއި ކަރަންޓީނު ވާން ބޭނުން ކުރާ ހޮޓާތަކުގެ މުވައްޒަފުންނަށް ވެކްސިން ޖެހުން ލާޒިމް ކޮށްފައެވެ.މީގެ އިތުރުން ޓޯކިޔޯއަށް ދަތުރު ކުރާ ޕެރަލިމްޕިކް އެތުލީޓުންނަށްވެސް ވެކްސިން ޖެހުން ވަނީ އެ ޤައުމުން ލާޒިމް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް