ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނަށް ތާވަލުކޮށްފި

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތަވާލު...

21 Aug 2021 | 07:14

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތަވާލުކޮށްފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ބާއްވާ ގޮތަށެވެ.

މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ.ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

މި މައްސަލާގައި މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި އަޑު އެހުމުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ 86 ހެއްކެއް ހުށައަޅާފައެވެ. އެގޮތުން ހުށަހަޅާ ހެކީންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުހައްމަދާއި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މަޢުރޫފް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުގެ ތެރޭގައި ބެންކް ސްޓޭޓްމެންޓްތަކާއި، އޭރު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީއާ ދެމެދު ކުރެވުނު މުއާމަލާތްތައްވެސް ހިމެނެއެވެ. މާދަމާގެ އަޑުއެހުމުގައި މިކަންކަމާމެދު ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް