ހޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ބްރިޓްނީ ސްޕިއަރސް މުވައްޒަފެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ތަޙްޤީޤެއް ފަށައިފިއެވެ.މި ތަޙްޤީޤު ފަށާފައި މި ވަނީ ބައްޕަގެ ބާރުގެ ދަށުން ސަލާމަތްވުމަށް ކޯޓު ކޮންޒަވޭޓަރޝިޕް އުވާލަން ބްރިޓްނީ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ބްރިޓްނީ ޖެހި ކަމަށް ތުޙުމަތު ކުރާ ސްޓާފެވެ.ރިޕޯޓު ލިބުމާއި އެކު،ކެލެފޯނިއާގައި ހުންނަ ބްރިޓްނީގެ ގެއަށް ފުލުހުން ގޮސްފައިވާ ކަމަށް ވެންޓޫރާ ކައުންޓީ ޝެރިފްގެ އޮފީހުން ހާމަ ކޮށްފައި ވެއެވެ.މި މައްސަލައިގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.މި މައްސަލައާއި ގުޅިގެން ފުލުހުން ނަގާފައިވާ ބަޔާންތައް އިތުރަށް ތަޙްޤީޤު ކުރުމަށް ފަހު ޕްރޮސެކިއުޓަރުންނާއި ހަވާލު ކުރާނެ ކަމަށްވެސް ޝެރިފްގެ އޮފީހުން ވަނީ ބުނެފައެވެ. މީގެ އިތުރުން މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.
ބްރިޓްނީގެ ވަކީލު މެތިއު ރޮޒެންގާރޓު ހާމަ ކޮށްފައިވާ އީމެއިލެއްގައި ބުނެފައި ވަނީ ރިޕޯޓު ކޮށްފައި ވަނީ ކަންވީ ގޮތަށް ވުރެ މާ ބޮޑު ކޮށްލައިގެން ކަމަށާއި، މިއީ ޓެބްލޮއިޑްތަކަށް އަރުވާލަން ކޮށްފައިވާ ތުހުމަތެއް ކަމަށް ބުނެފައެވެ.އަދި މި ރިޕޯޓަކީ 'ތޯ ތޯ' ވާހަކަތައް ފަދަ ދޮގު ރިޕޯޓެއް ކަމަށްވެސް ރޮޒެންގާޓު ވަނީ ބުނެފައެވެ.ކޮންމެ މީހަކަށްވެސް މިފަދަ ދޮގެއް ހެދި ދާނެ ކަމަށާއި، މި ކޭސް އަވަހަށް ބަންދު ކުރެވެން ޖެހޭ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
ބްރިޓްނީގެ ދިފާއީ ވަކީލެއްގެ ގޮތުގައި މެތިއު ރޮޒެންގާރޓަށް ވަޒީފާ ދީފައި ވަނީ މިދިޔަ މަހު އޭނާ 13 އަހަރުގެ ކޯޓު ކޮންޒަވޭޓަރޝިޕުން ސަލާމަތް ވާން ވަކާލާތު ކުރުމަށެވެ. މި ކޯޓު ނިންމުމުގެ ސަބަބުން 39 އަހަރުގެ ބްރިޓްނީއަށް ވަނީ 13 އަހަރު ވަންދެން އަމިއްލަ ފައިސާގެ ކަންކަމުގެ އިތުރުން ޑޮކްޓަރަށް ދެއްކުން ފަދަ ޒަރޫރީ ކަންކަމުގައިވެސް ބަސް ބުނުމުގެ ބާރު ގެއްލިފައެވެ.ކޯޓް ކޮންޒަވޭޓަރޝިޕްގެ ދަށުން ބްރިޓްނީގެ ދިރިއުޅުމުގެ ހުރިހާ ބާރެއް ދީފައި ވަނީ އޭނާގެ ބައްޕަ ޖޭމްސް ސްޕިއަރސްއަށާއި އިތުރު ބައަކަށެވެ.އެހެންކަމުން ރޮޒެންގާރޓު އެންމެ ފުރަތަމަވެސް ކުރި މަސައްކަތަކީ ބްރިޓްނީގެ ބައްޕަގެ ބާރުގެ ދަށުން އޭނާގެ ފައިސާ އާއި މުދާ ސަލާމަތް ކުރުމުގެ މަސައްކަތެވެ.ވޭތުވެ ދިޔަ ހަފްތާގައި ބްރިޓްނީގެ ބައްޕަ އޭނާގެ ކޮންސަވޭޓަރ އޮފް ފައިނޭންސަސްގެ މަޤާމުން ވަކި ވާން ނިންމާފައިވާ ކަމަށް ބުނި ނަމަވެސް ވަކި ވާނެ ތާރީޚެއް އަދި މިހާ ތަނަށް ކަނޑައަޅާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް