އުމަރަކަށް ފްލެޓް ކަމަކުނުދޭ، ޑީއެންއޭގައި އޮތީ ގޯތި ދިނުން!

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އަދި ރަޖިސްޓަރީކޮށްފައި ނުވާ، ސިޔާސީ ހަރަކާތެއް ކަމުގައިވާ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ފްލެޓް ދޫކުރުމުގެ ވިސްނުމަށް ތާއީދު ނުކުރާނެ ކަމަށާއި އެ ހަރަކާތުގެ ތާއީދ...

21 Aug 2021 | 05:49

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އަދި ރަޖިސްޓަރީކޮށްފައި ނުވާ، ސިޔާސީ ހަރަކާތެއް ކަމުގައިވާ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ފްލެޓް ދޫކުރުމުގެ ވިސްނުމަށް ތާއީދު ނުކުރާނެ ކަމަށާއި އެ ހަރަކާތުގެ ތާއީދު އޮތީ ގޯތި ގެދޮރު ދޫކުރުމުގެ ވިސްނުމަކަށް ކަމަށް ޑީއެންއޭގެ މުއައްސިސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވުމަށް ނިންމާފައިވާ އުމަރު މިހެން ވިދާޅުވީ ކުލަބުހައުސް އިވެންޓެއްގައެވެ.

ކުރީގައި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އުމަރު ނަސީރު ވިދާޅުވީ އުސްް އިމާރާތްތަކުގެ ދިރިއުޅުން ދޫކޮށްލައި ރަށްފުށުގެ އަރާމު ދިރިއުޅުމަށް ދިވެހިން ރުޖޫއަ ވާން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރަށްފުށުގެ އަރާމު ދިރިއުޅުމަކީ ދިވެހިން އެއް ގޮތަކަށް ވެސް ދޫކޮށްލައިގެން ވާނެ އަރާމު ދިރިއުޅުމެއް ނޫން ކަމަށާއި ގޮނޑުދޮށްތަކުގައި ދުވެ މޫދަށް އެރި އުޅުމުގެ ފުރުސަތު ދަރިންނަށް އޮންނަން ވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ، ވޭތުވެދިޔަ 40 ގެ އަހަރުތަކުގައި ދިވެހިންގެ ދިރިއުޅުން ދުރުވެ އުސް އިމާރާތްތަކުގެ ތެރެއަށް ދާން މަޖުބޫރު ވާން ޖެހިފައިވާ ކަމަށެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 47 އިންސައްތަ މާލެއަށް ހިޖުރަ ކުރަން މަޖުބޫރުކޮށް، އެ އާބާދީގެ 74 އިންސައްތަ ކުލީގެ އަޅުވެތި ކަމަށް ގެންގޮސްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޑީއެންއޭއިން ހުށަހަޅަނީ ސަރުކާރުން ބިމުގެ ވިޔަފާރި ހުއްޓާލާނެ ކަމާއި ފްލެޓް ދޫކުރުގެ ވިސްނުމުގެ ބަދަލުގައި ގޯތި ގެދޮރު ދޫކުރުގެ ވިސްނުމެއް ކަމަށެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ މާލެ ތޮއްޖެހިފައި އޮތް އޮތުން ވެސް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އެއީ ދަތި އުނދަގޫ މަސައްކަތަކަށް ވި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުން، އެ ކަން ހައްލު ކުރަން 15 އަހަރު ދުވަހުގެ މެދު ރާސްތާގެ ޕްލޭނެއް ޑީއެންއޭއިން ދަނީ އެކުލަވާލަމުންނެވެ. އެ ޕްލޭން ތަންފީޒުވެއްޖެނަމަ، ގޯތި ގެދޮރަށް ދިމާވެފައިވާ މައްސަލަ ހައްލު ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް