ދުނިޔޭގެ އެންމެ ފުރަތަމަ ކޯވިޑު-19 ޑީއެންއޭ ވެކްސިން އެމަޖެންސީގައި ބޭނުން ކުރަން ފަށާ ގައުމަކަށް އިންޑިއާ

ދުނިޔޭގެ އެންމެ ފުރަތަމަ ޑީއެންއޭ ޝޮޓް ކަމަށްވާ ޒައިޑަސް ކެޑިލާގެ ކޮވިޑު 19 ވެކްސިން ބޭނުން ކުރަން އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން އެމެޖެންސީ ހުއްދަ ދީފިއެވެ. މި ވެކްސިން ބޭނުން ކުރާނީ ބޮޑެތި މީހުންނ...

21 Aug 2021 | 05:34

ދުނިޔޭގެ އެންމެ ފުރަތަމަ ޑީއެންއޭ ޝޮޓް ކަމަށްވާ ޒައިޑަސް ކެޑިލާގެ ކޮވިޑު 19 ވެކްސިން ބޭނުން ކުރަން އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން އެމެޖެންސީ ހުއްދަ ދީފިއެވެ.

މި ވެކްސިން ބޭނުން ކުރާނީ ބޮޑެތި މީހުންނަށާއި 12 އަހަރުން މަތީގެ ކުޑަކުދިންނަށެވެ.

އިންޑިއާއިން މި ހުއްދަ ދޫކޮށްފައި ވަނީ އެ ޤައުމުގައި ކޮވިޑު ދިފާއު ވެކްސިން ޖެހޭ އާބާދީގެ އެންމެން މި އަހަރުގެ ނިޔަލަށް ވެކްސިން ޖެހުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުންނެވެ. އެގޮތުން މި ވެކްސިން އެންމެ ފުރަތަމަ ދޭން ފަށާނީ 18 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓު ކޮށްފައެވެ.އިންޑިއާގެ ގިނަ ސަރަޙައްދުތަކެއްގައި މިހާރުވެސް ކޮވިޑު 19 އަންނަނީ ހަލުވި ކަމާއިއެކު ފެތުރެމުންނެވެ.

ޒައިޑަސް ކެޑިލާގެ ޒައިކޮވްޑީ (ZyCoV-D) ވެކްސިންއަކީ ކޮރޯނާ ވައިރަހުގެ ޖެނެޓިކް މާއްދާތަކުގެ ބައެއް ބޭނުން ކޮށްގެން ޑީއެންއޭ ނުވަތަ އާރްއެންއޭ މެދުވެރިކޮށް އެ މީހެއްގެ ދިފާއީ ނިޒާމު އެ ޕްރޮޓީނަކާއި އެކު މަސައްކަތް ކުރާ ވަކި ޕްރޮޓީނެއް އުފައްދަން ހަށިގަނޑަށް އިރުޝާދު ދޭ ވެކްސިންއެކެވެ. ކޮވިޑު-19 ގެ ގިނަ ވެކްސިންތަކަކީ 2 ޑޯޒު ނުވަތަ އެންމެ ޑޯޒަކުން ފުދޭ ވެކްސިންތަކެއް ނަމަވެސް ޒައިކޮވްޑީ ވެކްސިންގެ 3 ޑޯޒު ޖަހަން ޖެހެއެވެ.

ނަމަވެސް މި ވެކްސިން ޖެހުމަށް ސިރިންޖު ނުވަތަ ކަށި ބޭނުމެއް ނުކުރާނެއެވެ.

މި ވެކްސިން އުފައްދާ ކުންފުނި ކަމަށްވާ ކެޑިލާ ހެލްތުކެއަރ ލިމިޓެޑުން އަހަރަކު 100 މިލިއަނާއި 120 މިލިއަނާއި ދެމެދުގެ ޒައިކޮވްޑީ ޑޯޒު އުފެއްދުމަށް ހަމަޖެހިފައި ވެއެވެ. އެ ކުންފުނިން މިހާރުވެސް ވަނީ ޒައިކޮވްޑީ އުފެއްދުން މެކުހަށް ޖަހާފައެވެ.މި ވެކްސިނަކީ ޒައިޑަސް ކެޑިލާއާއި އިންޑިއާގެ ޑިޕާރޓްމެންޓް އޮފް ބަޔޯޓެކްނޮލޮޖީއާއި ގުޅިގެން އުފައްދާފައިވާ ވެކްސިންއެކެވެ.އަދި މިއީ އިންޑިއާގައި ތައްޔާރު ކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން ބާރަތު ބަޔޯޓެކްގެ ކޮވެކްސިންއަށް ފަހު 2 ވަނައަށް އިމަރޖެންސީ ހުއްދަ ދޫކޮށްފައިވާ ހަމަ އެކަނި ވެކްސިންއެވެ.

ޖުލައި މަހު ޒައިޑަސް ކެޑިލާއިން ހާމަ ކޮށްފައިވާ ގޮތުގައި މި ވެކްސިންއަކީ ކޮރޯނާ ވައިރަސްގެ އައު މިއުޓެންޓުތަކުން ރައްކާތެރިކަން ހޯދައިދޭ ވެކްސިންއެކެވެ. ޚާއްސަކޮށް ނުރައްކާތެރި ޑެލްޓާ ވޭރިއެންޓާއި ދެކޮޅަށް މި ވެކްސިން މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޒައިކޮވްޑީއަކީ އިންޑިއާގައި ބޭނުން ކުރަން ހުއްދަ ދޫ ކޮށްފައިވާ 6 ވަނަ ވެކްސިންއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގެ މުޅި އާބާދީގެ ތެރެއިން މިހާ ތަނަށް ކޮވިޑު 19ގެ ދިފާއީ ވެކްސިން ފުރިހަމަ ކޮށްފައި ވަނީ އެންމެ 9.18 އިންސައްތަ މީހުންނެވެ.ޒައިކޮވްޑީ ބޭނުން ކުރުމުގެ ހުއްދައަށް އެދި ޒައިޑަސް ކެޑިލާއިން ހުށަހަޅާފައި ވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ.

އެ ޤައުމުގެ ވޮލެންޓިއަރުންގެ މެދުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޒައިކޮވްޑީގެ އެފިކަސީ ރޭޓަކީ 66.6 އިންސައްތައެވެ. ވެކްސިން އެފިކަސީ ރޭޓަކީ ވެކްސިން މަސައްކަތް ކުރާ ވަރާއި ވެކްސިން ޖަހާފައިވާ މީހުންގެ މެދުގައި ބަލި ޖެހުމާއި ފެތުރުން މަދުވެފައިވާ މިންވަރު ދެނެގަތުމަށް ބޭނުން ކުރާ ރޭޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް