ޓެސްލާއިން އިންސާނުންނާއި އެއްގޮތް 'ޓެސްލާ ބޮޓެއް' ލޯންޗު ކުރަނީ: ފިހާރައިން ބޭނުންވާ ސާމާނުވެސް މި ރޮބޮޓު ގަނެދޭ

'ޓެސްލާ ބޮޓު'ގެ ނަމުގައި ޓެސްލާ ކުންފުނިން އުފައްދާ އިންސާނުންނާއި އެއްގޮތް ރޮބޮޓްގެ ޕްރޮޓޮޓައިޕްތައް އަންނަ އަހަރުގެ ތެރޭގައި ލޯންޗު ކުރާނެ ކަމަށް ޓެސްލާގެ ސީއީއޯ އެލަން މަސްކު ހާމަ ކުރައްވައިފިއެވެ....

21 Aug 2021 | 05:02

'ޓެސްލާ ބޮޓު'ގެ ނަމުގައި ޓެސްލާ ކުންފުނިން އުފައްދާ އިންސާނުންނާއި އެއްގޮތް ރޮބޮޓްގެ ޕްރޮޓޮޓައިޕްތައް އަންނަ އަހަރުގެ ތެރޭގައި ލޯންޗު ކުރާނެ ކަމަށް ޓެސްލާގެ ސީއީއޯ އެލަން މަސްކު ހާމަ ކުރައްވައިފިއެވެ.މަސްކް މިކަން ހާމަ ކުރައްވާފައި ވަނީ އާރޓިފިޝަލް އިންޓެލިޖެންސް ޑޭ ފާހަގަ ކުރުމަށް ޓެސްލާއިން ބޭއްވި ހަފްލާގައެވެ.

އިންސާނުންނާއި އެއްގޮތް ކަމެއް ހުންނަ މި ރޮބޮޓުތަކަކީ ނުރައްކާތެރި މަސައްކަތްތަކާއި، ތަކުރާރުކޮށް ކުރަން ޖެހޭ ކަންކަމުގެ އިތުރުން ފޫހި މަސައްކަތްތައް ކުރުމަށް ތައްޔާރު ކޮށްފައިވާ ރޮބޮޓުތަކެކެވެ.މަސްކް ހާމަ ކުރެއްވި ގޮތުގައި 'ޓެސްލާ ބޮޓެއްގައި' ހުންނާނީ ގާތްގަނޑަކަށް 5 ފޫޓު 8 އިންޗީގެ ދިގު މިނެކެވެ.ކާރުގައި ބޮލްޓު ހަރު ކުރުމާއި ފިހާރަތަކުން ސާމާނު ގަތުން ފަދަ މަސައްކަތް ކުރުމުގެ ޤާބިލުކަން މި ރޮބޮޓުތަކުގައި ހުންނާނެ ކަމަށްވެސް މަސްކް ވަނީ ވިދާޅުވެފައެވެ.މި ރޮބޮޓުތަކުގެ ސަބަބުން މަސައްކަތް ކުރާނެ ލޭބަރުންގެ ދަތި ކަމުގެ މައްސަލަ ފަދަ ގިނަ މައްސަލަތަކަށް ހައްލު ލިބި، އިޤްތިޞާދަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް މަސްކު ވަނީ ވިދާޅުވެފައެވެ.އެހެން ކަމާއިއެކު، މި ރޮބޮޓު ވީހާވެސް އަގު ބޮޑު ނުވާ ގޮތަށް ވިއްކަން ވިސްނާފައިވާކަން މަސްކު ވަނީ ފާހަގަ ކުރައްވާފައެވެ.

'ޓެސްލާ ބޮޓަކީ' މެޝީނަށް ހުންނަ ފޯރި އިތުރު ކުރުމަށްޓަކައި ގެންގުޅޭ އައު ހުވަފެންތޯ ސުވާލު ކުރައްވާ ރޮއިޓަރސްއަށް ދެއްވި އިންޓަރވިއުއެއްގައި ކާރނެޖީ މެލަން ޔުނިވަރސިޓީގައި އިލެކްޓްރިކަލް އަދި ކޮމްޕިއުޓަރ އިންޖިނިއަރިންގ ކިޔަވައި ދެއްވާ ޕްރޮފެސަރު ރާޖް ރާޖް ކުރާމު ވަނީ ސުވާލު އުފައްދަވާފައެވެ.މީގެ އިތުރުން ޕްރޮފެސަރު ރާޖް ވިދާޅުވީ އެއްވެސް ކުންފުންޏަކުން ހިއުމަނޮއިޑް ރޮބޮޓެއްގެ އެހީގައި ފިހާރައިން ސާމާނު ގަންނަން އަދި 10 ވަރަކަށް އަހަރު ނަގާނެ ކަމަށް ޔަޤީން ކަމާއިއެކު ވިދާޅުވާން ކެރިވަޑައިގަންނަވާ ކަމަށެވެ.

ޓެސްލާއިން މި އަހަރުގެ 'އޭއައި ޑޭ' ފާހަގަ ކުރި އިރު، ގިނަ ބަޔަކު އަންނަނީ އެ ކުންފުނިން އީޖާދު ކޮށްފައިވާ މީހަކާއި ނުލާ ދުއްވޭ ފުލް ސެލްފް ޑްރައިވިންގ ކާރުގެ ރައްކާތެރި ކަމާއި މެދު ސުވާލު އުފައްދަމުންނެވެ.މި ފާޑު ކިޔުންތަކަށް މަސްކު ރައްދު ދެއްވާފައެއް ނުވެއެވެ. މި ކަމާއި ގުޅޭ ގޮތުން މަސްކު ވިދާޅުވެފައި ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންސާނުންނަށް ވުރެ ކާރުގައި ހުންނަ ކެމެރާއިއާއި ކޮމްޕިއުޓަރު ބޭނުން ކުރަން މި ކާރުތައް ކުޅަދާނަ ވާނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ.އެމެރިކާގެ ސޭފްޓީ ރެގިއުލޭޓަރުން ވަނީ ފާއިތުވެ ދިޔަ ހަފްތާ ތެރޭ ޓެސްލާގެ ޑްރައިވަރ އެސިސްޓެންޓު ސިސްޓެމްގެ ތަޙްޤީޤެއް ފަށާފައެވެ. ފުލުހުންގެ ކާރާއި އަލިފާން ނިއްވާ ލޮރީފަދަ ޕާކު ކޮށްފައި ހުރި އުޅަނދުތަކެއްގައި ޖެހި ގިނަ އެކްސިޑެންޓުތަކެއް ޓެސްލާގެ މި ފަދަ ކާރުތަކުގެ ސަބަބުން ހިނގާފައި އެބަ ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް