ކައުންސިލަތްކަށް ލޯން ދޫކުރުމުގެ ބާރު މިނިސްޓަރަށް ދޭ ސަބަބު ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ސާފުކޮށްދެއްވައިފި އެވެ.
އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު ކައުންސިލްތަކަށް ނެގޭ ލޯނާއި، ލޯނު ދޫކުރުގެ ބާރު ފިނޭންސް މިނިސްޓަރަށް ދީފައިވަނީ ކައުންސިލުން ނަގާ ލޯނެއްގެ ސަބަބުން ދައުލަތް ދަރަނިވެރި، ޑީފޯލްޓަކަށް ދިއުމުގެ ޖާގަ ނުދިނުމަށް ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ ކައުންސިލްތަކުން ބޭނުންވެގެން ނަގާ ލޯނުތަކަށް ފިނޭންސް މިނިސްޓަރުގެ ހުއްދަ ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައެޅުމަށް ބައެއް މެމްބަރުން ދެއްކެވި ވާހަތަކާއި ގުޅިގެން ޕީއެސްއެމްގެ ބާބު-3 ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ނެވެ.
މެމްބަރު ޔަޢުޤޫބު ވިދާޅުވީ ކައުންސިލްތަކަކީ ދައުލަތުގެ ތެރޭގައި ހިމެނޭ މުއައްސަސާއަކަށްވުމުން، ކައުންސިލްތަކުން ނަގާ ލޯނާއި، ދަރަންޏަކީވެސް ދައުލަތަށް އޭގެ ބުރަ އުފުލަންޖެހޭ އެއްޗެއް ކަމަށެވެ.
ޔައުޤޫބް ވިދާޅުވީ، ވަކި މުއްދަތެއް ކަނޑައެޅުމަށްވުރެ ބޮޑަށް މިނިސްޓަރ ބައްލަވަންޖެހޭނީ ނެގޭ ލޯނުގެ ސަބަބުން ދައުލަތަށް އޭގައިން ކުރާނެ އަސަރަށް ކަމުގައެވެ. ދައުލަތަށް ނަގާ ލޯނު ޖީޑީޕީގެ ވަކި ވަރަކަށްވުރެ މަތިވެގެން ނުވާނެކަމަށް ޚަރަދަށް ޒިންމާވާންޖެހޭ ޤާނޫނުގައި ބުނެފައިވާއިރު، ލޯނެއްގެ ހުއްދަ ދޭއިރު މިކަންކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި ނެގޭ ލޯނެއްގެ ސަބަބުން ދައުލަތް ދަރަނިވެރިވެ ކައުންސިލެއް ޑީފޯލްޓް ވެގެންދާނޭ ގޮތަކަށް ލޯނުގެ ހުއްދަ ދިނުމުގެ ކުރިން މިނިސްޓަރު ބައްލަންޖެހޭކަމަށް ޔައުޤޫބް ވިދާޅުވި އެވެ.
ކައުންސިލުތަކުން ދަރަންޏަށް ފައިސާ ނަގަންވާނީ އެ ކައުންސިލު ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭންގައި ހިމެނިފައިވާ މަޝްރޫޢެއް ހިންގުމަށްޓަކައި އެ ދަރަންޏެއް ނެގުމަށް އެ ކައުންސިލެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ޤަރާރެއް މިނިސްޓަރަށް ހުށަހަޅައި، އެކަމަށް މިނިސްޓަރު ހުއްދަ ދިނުމުންކަމަށްވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ބުނެފައި ވެއެވެ.
ކައުންސިލްތަކަށް ލޯނު ނެގުމާއި ލޯނު ދޫކުރުގެ ބާރުގެ އިތުރުން ޕަބްލިކް ބޭންކު އެކައުންޓް ހުޅުވުމުގެ ފުރުސަތު ވެސް ލިބޭގޮތަށް ޤާނޫނަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް