އުމުރުން 60 އަހަރުގެ ޖޮނަތަން ސްމިތަކީ ފާއިތުވެ ދިޔަ 30 އަހަރު ދުވަހު ލިވަރޕޫލް ފުޓްބޯލް ކްލަބަށް ކެނޑިނޭޅި ތާއީދު ކުރަމުން އައި ސަޕޯޓަރެކެވެ.
ލިވަރޕޫލްގެ 'ހާރޑްކޯރ' ފޭނެކެެވެ.ނަމަވެސް ޑިޖިޓަލް ޓިކެޓު ބޭނުން ކުރަން އެ ކުލަބުން އެންގުމާއި އެކު، އޯޓިޒަމް ހުންނަ ޖޮނަތަންއަށް ދެން އެ ޓީމުގެ މެޗުތައް ބެލުމާއި ސަޕޯޓު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތި ވެދާނެ ކަމުގެ ބިރު ހީވާން ފެށިއެވެ.
ޖޮނޮތަންގެ ދައްތަ މެލަނީ ހިއުސް އޭނާއަށް މި މަހުގެ 7 ވަނަ ދުވަހު ލިވަރޕޫލްއާއި އެތުލެޓިކޯ ބިލްބާއޯއާއި ދެމެދު ކުޅެވުނު އެކުވެރިކަމުގެ މެޗަށް ޓިކެޓަށް ހޯދައި ދިނެވެ. މިއީ ލިވަރޕޫލުން ޕޭޕަރު ނުހިމެނޭ ޓިކެޓު ނިޒާމު ތަޢާރަފް ކުރި ފަހުން އެންމެ ފުރަތަމަ ކުޅުނު މެޗެވެ.އައު ސީޒަނަށް އެ ކުލަބުން ވަނީ ކުޅޭ ދަނޑަށް ވަނުމަށްޓަކައި ނިއަރ ފީލްޑް ކޮމިއުނިކޭޝަން ނިޒާމެއް (އެންއެފްސީ) ތަޢާރަފް ކޮށްފައެވެ.
މިއާއިއެކު، ދަނޑަށް ވަނުމަށްޓަކައި ފޯނުން ޑިޖިޓަލް ވޮލެޓަކަށް އިލެކްޓްރޯނިކް ފާހެއް ޑައުންލޯޑު ކުރެވޭނެއެވެ. ނަމަވެސް މި އައު ސިސްޓަމްގެ ސަބަބުން ފުރަތަމަ މެޗުގައިވެސް ގިނަ މައްސަލަތަކަކާއި ކުރިމަތި ވެގެން ދިއައެވެ.
ކިކްއޮފް ކުރި އިރުވެސް ގިނަ ބަޔަކު ދިގު ކިއުތަކެއްގައި ތާށިވެފައި ވުމުގެ ސަަބަބުން އެތަށް ބަޔަކު ދަނޑަށް ނުވަދެ އަނބުރާ ގެއަށް ގޮސްފައިވެސް ވެއެވެ.
މެލަނީ ބުނި ގޮތުގައި އޭނާއަކީ ލިވަރޕޫލްގެ ސަޕޯޓަރެއް ނޫން ނަމަވެސް، ޖޮނަތަންއަށް ޓިކެޓު ގަނެ ދެވުުމުން އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. މި ޓިކެޓް ގަނެ ނުދެވުނު ނަމަ ޖޮނަތަންއަށް ދަނޑަކަށް ނުވަދެވޭނެއެވެ.ސަބަބީ ޖޮނަތަންއަކީ ދަސް ކުރުމުގައި ދަތިކަން ހުންނަ އޯޓިސްޓިކު މީހަކަށް ވުމެވެ.
ޖޮނަތަންގެ ދަތިތައް އިތުރަށް ތަފްސީލް ކޮށްދެމުން މެލަނީ ބުނީ ޖޮނަތަންއަށް ނަގުދު ފައިސާވެސް ބޭނުން ކުރާ އުސޫލުތައް ނޭނގޭ ކަމަށާއި، ފޯނާއި ޓެކްނޮލޮޖީގެ ކަންކަމަކީ ޖޮނަތަންއަށް އެއްގޮތަކަށްވެސް ދަސް ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އެ މެޗަށް ފަހު މެލަނީ ވަނީ އެ ކުލަބަށް ގުޅާ ފޮޓޯ އައިޑީ ކާޑެއް ހެދުމަށް ބޭނުންވާ އެޕްލިކޭޝަންވެސް ނަގާފައެވެ.
ހޯމަ ދުވަހާއި ހަމައަށް ޚަބަރެއް ނުވުމުން ކުލަބުގެ ޓިކެޓު އޮފީހަށް މެލަނީ ގުޅުމުން ބުރާސްފަތި ދުވަހާއި ހަަމައަށް އެކަން ހަމަ ޖެހޭނެ ކަމަށް އޮފީހުން ބުނެފައިވެއެވެ. ނަމަވެސް ހަމަ އެ ދުވަހު ލިބުނު އީމެއިލެއްގައި ވަނީ ކުރިން ފޯނު މެދުވެރިކޮށް ޓިކެޓު ނަގާފައި ވާތީ ޖޮނަތަންއަށް އެ ފުރުސަތު ގެއްލިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ފޯނުން ޓިކެޓު ޑައުންލޯޑު ކުރުމަށެވެ.މި މައްސަލަ ހައްލު ކުރުމަށްޓަކައި މެލަނީ މުޅި ދުވަހު ގުޅައިގެންނާއި އެ ކުލަބުގެ އޮންލައިން ޗެޓުންނާއި ޑިސްއެބިލިޓީ ޓީމަށް އީމެއިލް ކުރުމުންވެސް ޖަވާބެއް ލިބޭ ގޮތެއް ނުވެއެވެ.
މެލާނީގެ މަސައްކަތްތައް އެ ދުވަހު ކާމިޔާބުވާ ގޮތް ނުވި ނަމަވެސް އެކޯއިން ލިވަރޕޫލަށް ގުޅުމުން އެ ކުލަބުގެ ޓިކެޓިންގ ޑިޕާޓްމެންޓް ވަގުތުން މައްސަލައަށް އެޓެންޑު ކުރިއެވެ.އަދި ހުކުރު ދުވަހު އެ ކުލަބުގެ އޮފިސަރެއް ޖޮނަތަންއަށް ގުޅާ، އޭނާގެ ފޮޓޯ ފޭން އައިޑީ ޕްރިންޓް ކުރިއެވެ.އަދި ހޮނިހިރު ދުވަހު އެ އައިޑީއާއި ހަވާލު ވުމަށް އަންނަން އަންގާފައިވެސް ވެއެވެ. މި ކާމިޔާބީއާއި އެކު ޖޮނަތަންގެ ދައްތަ މެލަނީ ބުނެފައި ވަނީ ދެން އޭނާއަށް ހަަމަޖެހިގެން ނިދާލެވޭނެ ކަމަށެވެ.
ނަމަވެސް ލިވަރޕޫލްގެ ޚިދުމަތުގެ ފެންވަރަށާއި މުއާމަލާތް ކުރުމުގައި ގެންގުޅިިފައިވާ ދޯދިޔާ ގޮތްތަކުގެ ސަބަބުން އެ ކުލަބަށް މެލަނީ ފާދު ކިޔާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް