ފަސޭހައިން ނިދަން ބޭނުންނަމަ ހިޔާރު ކުރެވިދާނެ ބައެއް ކާނާ

އަހަރެމެން ވައްޓަފާޅިއަށް މި އަންނަ ބަދަލުތަކާއި ޒަމާނަށް މި އަންނަ ބަދަލުތަކާއެކު ޒަމާނީ ޓެކްނޮލޮޖީގައި ޖެހި ސްކްރީން ޓައިމް ގިނަވުމާއި ތަފާތު އެތައް ގިނަ ސަބަބަކާހުރެ ގިނަ މީހުންނަށް ނިންޖަކީ މިހާރު...

21 Jul 2023 | 17:29

އަހަރެމެން ވައްޓަފާޅިއަށް މި އަންނަ ބަދަލުތަކާއި ޒަމާނަށް މި އަންނަ ބަދަލުތަކާއެކު ޒަމާނީ ޓެކްނޮލޮޖީގައި ޖެހި ސްކްރީން ޓައިމް ގިނަވުމާއި ތަފާތު އެތައް ގިނަ ސަބަބަކާހުރެ ގިނަ މީހުންނަށް ނިންޖަކީ މިހާރު ބީރައްޓެހި އެއްޗަކަށް މި ވަނީ ވާން ފަށާފައެވެ.

ތަޖުރިބާކާރުން ބުނަނީ ކެއުމާއި ނިންޖާއި ގުޅުމެއް ވާކަމަށެވެ. ތިމާގެ ކެއުން ބައްޓަންކުރާ ގޮތާއި ކާ ވަގުތުތަކާއި ކާ ތަކެއްޗާއި ނިންޖާއި ގުޅުންތަކެއް ވާކަމަށެވެ.

މި ލިޔުމުގައި މި ބަލައިލަނީ ފަސޭހައިން ނިދަން ބޭނުންނަމަ ހިޔާރު ކުރެވިދާނެ ބައެއް ކާނާއަށެވެ.

ކިވީ

ކިވީއަކީ އޭގައި ތަފާތު އެކި ވައްތަރުގެ މިނެރަލްސް އާއި ވިޓަމިން އެކުލެވޭ މޭވާއެކެވެ. ވިޓަމިން އީ އަދި ސީގެ އިތުރުން ޕޮޓޭސިއަމާއި ފޮލޭޓް ކިވީގައި އެކުލެވިގެން ވެއެވެ.

ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކިވީ ކެއުމަކީ ނިދީގެ ކޮލިޓީ ރަނގަޅުކޮށްދީ ފަސޭހައިން ނިދަން މަގުފަހިކޮށްދޭ ކަމެކެވެ. އެގޮތުން ނިދުމުގެ ކުރިން ކިވީއެއް ކާލައިގެން ނިދަން އުޅޭނަމަ އަވަހަށް ނިދޭ ކަމަށާއި ނިދީގެ ކޮލިޓީ ރަނގަޅުކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.

ދިރާސާވެރިން ބުނަނީ ކިވީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސް އަކީ ނިންޖާއި ގުޅުންބޮޑު މާއްދާއެއް ކަމަށެވެ.

ފެޓްސް ގިނައިން އެކުލެވޭ މަސް

ދިރާސާއަކުން ދައްކާފައިވާގޮތުގައި ގިނައިން ފެޓްސް އެކުލެވޭ މަހަކީ ކޮލިޓީ ނިންޖަކަށް މަގުފަހިކުރުވާ ކެއުމުގެ ބާވަތަކެވެ. އެ ދިރާސާއިން ދައްކާފައިވާގޮތުގައި ހަފްތާއަކު މަދުވެގެން ތިން ފަހަރު ސަލްމަން މަސް ކާނަމަ ނިދީގެ ކޮލިޓީ ރަނގަޅުވެއެވެ. އެހެން ވާން މެދުވެރިވަނީ ފެޓްސް ގިނަ މަހުގައި ވިޓަމިން ޑީއާއި އޮމެގާ 3 ފެޓީ އެސިޑްސް ހިމެނޭތީކަމަށް ދިރާސާވެރިން ބުނެއެވެ.

ނަޓްސް / ބަދަން

ނަޓްސް ނުވަތަ ބަދަނުގެ ބާވަތްތަކުގެ ތެރެއިން އަލްމަންޑްސް، ވޯލްނޓްސް، ޕިސްޓާޗިއޯ އަދި ކެޝޫ ނަޓްސް އަކީވެސް ނިންޖަށް އެހީވެދޭ ކާނާކަމުގައި ދިރާސާތަކުން ދައްކައެވެ. އެގޮތުން މި ފަދަ ބަދަންތަކުގައި ހިމެނޭ މެލަޓޯނިން އާއި މެގްނީޒިއަމާއި ޒިންކަފަދަ މިނެރަލްސްއަކީ އަރާމު ނިންޖަކަށް މުހިންމު މާއްދާތައްކަމުގައި ބުނެއެވެ.

ބަތް

ޖަޕާނުގައި ހަދާފައިވާ ދިރާސާއަކުން ދައްކާފައިވާގޮތުގައި ނޫޑްލީހަށްވުރެ ގިނައިން ބަތް ކާ މީހުންގެ ނިދީގެ ކޮލިޓީ ރަނގަޅުކޮށްދެއެވެ. އެގޮތުން ބަތް ކަހަލަ ގްލައިސީމިކް އިންޑެކްސް މަތި ކެއުންތައް ނިދުމުގެ ކުރިން ކާނަމަ ނިދަން ފަސޭހަވާކަމުގައި އެ ދިރާސާއިން ދައްކާފައިވެއެވެ.

ކިރާއި ކިރުގެ ބާވަތްތައް

ކިރާއި ކިރުގެ ބާވަތްތަކަކީވެސް ފަސޭހަ ނިންޖަކަށް މަގުފަހިކޮށްދޭ ބައެއް ކާނާއެވެ. އެގޮތުން ހަމަ ޖަޕާނުގައި އުމުރުން 65 އަހަރުން މަތީގެ 421 މީހަކު ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދެއްކިގޮތުގައި ކިރާއި ކިރުގެ ބާވަތްތައް ބޭނުންކުރާ މީހުން އެ ބާވަތުގެ ތަކެތި ބޭނުން ނުކުރާ މީހުންނަށްވުރެ 30 މިނެޓް ކުރިން ތާއްޔާޖެހި ނިދޭގޮތް ވެއެވެ. އަދި ނިދީގެ ކޮލިޓީވެސް ރަނގަޅުކަމަށް އެ ދިރާސާއިން ދައްކާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް