ސާބިތު ނުވާ ވާހަކަތައް ޚުތުބާގައި ގެނައުމަކީ ރަނގަޅުގޮތެއް ނޫން: ޑރ. ޝަހީމް

ސާބިތު ނުހިފޭ ވާހަކަތައް ހުކުރު ޚުތުބާގައި ގެނައުމަކީ ރަނގަޅު ގޮތެއް ނޫންކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވީ އާސޫރާ ދުވަ...

21 Jul 2023 | 11:49

ސާބިތު ނުހިފޭ ވާހަކަތައް ހުކުރު ޚުތުބާގައި ގެނައުމަކީ ރަނގަޅު ގޮތެއް ނޫންކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ އާސޫރާ ދުވަހާއި ގުޅޭގޮތުން މިއަދު ހުކުރު ޚުތުބާގައި ގެނެސްދީފައިވާ ބައެއް ވާހަކަތައް ފެންނަ ސްކްރީންޝޮޓަކާއެކު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.

މުސްލިމުންނަށްޓަކައި މާތް الله ޚާއްސަ ކުރައްވާފައިވާ ދުވަސްތަކުގެ މަތިން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި، އެއިން އިބްރަތް ހާސިލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކްރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެއާއެކު ތަފްސީރު ފޮތްތަކަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ މާތް الله އާދަމުގެފާނު ތައުބާ ގަބޫލުފުޅު ކުރެއްވީ ޢާޝޫދާ ދުވަހު ކަމަށާއި، ނޫޙުގެފާނާއި އެކަލާގެފާނަށް އިމާންވި މީހުން ތޫފާނުން ސަލާމަތްކުރެއްވީ ޢާޝޫރާ ދުވަހު ކަމަށެވެ. އިބްރާހީމުގެފާނު އަންދާލުމަށް ލައުނަތް ލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އިބްރާހީމްގެފާނު ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހު ކަމަށާއި، ޔޫސުފުގެފާނުގެ އަޚުންގެ ނުބައި ރޭވުންތަކުން ޔޫސުފުގެފާނު ސަލާމަތް ކުރެއްވުމަށްފަހު އެކަލޭގެފަނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނާ އަލުން ބައްދަލުވެވަޑައިގަތީ ޢާޝޫރާ ދުވަހު ކަމަށެވެ. ޔޫނުސުގެފާނު މަހުގެ ބަނޑު ތެރެއިން ސަލާމަތްވެ ވަޑައިގަތީ ޢާޝޫރާ ދުވަހު ކަމަށާއި، އައްޔޫބުގެފާނު އިމްތިހާނު ކުރެއްވުމުގެ ގޮތުން އެކަލާގެފާނަށް ޖެއްސެވި ދިގު މުއްދަތުގެ ބޮޑު އާލާސްކަންފުޅުން އެކަލޭގެފާނު ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހު ކަމަށެވެ. ޢާޝޫރާ ދުވަހަކީ ފިރްއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި ފިރްއައުނާއި އޭނާގެ ލަޝްކަރު ޢަރަޤުކުރެއްވި ދުވަސް ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ވޮއިސް ނޫހަށް އިތުރަށް މައުލޫމާތުދެއްވަމުން ޑރ. ޝަހީމް ވިދާޅުވެފައިވަނީ ޚުތުބާގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން އާސޫރާ ދުވަހާއި ގުޅުވައި ގެނެސްފައިވާ ހަމަ އެކަނި ސައްހަ ވާހަކައަކީ އެ ދުވަހަކީ ފިރްއައުނުގެ ކިބައިން މޫސާގެ ފާނު ސަލާމަތް ކުރައްވައި ފިރްއައުނާއި އޭނާގެ ލަޝްކަރު ގަރަގު ކުރެއްވި ދުވަސްކަމަށް ބުނެ ގެނެސްދީފައިވާ ވާހަކަ ކަމަށެވެ. އެ ނޫން ނަބީ ބޭކަލުންނާއި ބެހޭގޮތުން އެ ދުވަހާއި ގުޅުވައި ހުތުބާގައި ގެނެސްފައިވާ ވާހަކަތަކަކީ ސާބިތު ވާހަކަތަކެއް ނޫން ކަމުގައިވެސް ޑރ. ޝަހީމް ވޮއިސްއަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް