ދިއްދޫ ބިން ހިއްކުން އަންނަ މަހު ފެށިގެންދާނެ، އެއާއެކު އެއާޕޯޓާއި ޕިކްނިކް އައިލެންޑް އަންނާނެ: ރައީސް

ހއ. ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއު އަންނަ އޯގަސްޓް މަހުގެ ތެރޭގައި ފެށިގެންދާނެކަމަށާއި އެއާއެކު ދިއްދޫ އެއާޕޯޓާއި ޕިކްނިކް އައިލެންޑެއްވެސް ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެކަމުގައި އެމްޑީޕީގެ ރި...

21 Jul 2023 | 03:11

ހއ. ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއު އަންނަ އޯގަސްޓް މަހުގެ ތެރޭގައި ފެށިގެންދާނެކަމަށާއި އެއާއެކު ދިއްދޫ އެއާޕޯޓާއި ޕިކްނިކް އައިލެންޑެއްވެސް ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެކަމުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ހއ އަށް ކުރެއްވި ކެމްޕޭނު ދަތުރުގެ ފަހު މަންޒިލްކަމުގައިވާ ދިއްދޫގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ކެމްޕޭނަށް ކުރި ދަތުރުތަކުގައި ރައްޔިތުންގެ ފަރާތުން ލިބުނު ޝަކުވާތަކަކީ ޒުވާނުން ކުޅޭނެ ތަނެއް ނެތުމާއި ފެނާއި ނަރުދަމާގެ ވާހަކައާއި ކަރަންޓުގެ ވާހަކައިގެ އިތުރުން ޒުވާނުން ކުޅެންދާނެ ތަނެއް ނެތުމުގެ ވާހަކަތައް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ޝަކުވާތައް އަޑު ނީވޭ ކަމަށާއި އެކަންކަން ހާސިލުވަމުން އަންނަ ކަމަށާއި އަދި މިހާރު ރައްޔިތުން ބޭނުންވަނީ އެއާޕޯޓާއި ޕިކްނިކް އައިލެންޑްފަދަ ކަންކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

އެއާއެކު ވިދާޅުވީ އޯގަސްޓްގައި ބިން ހިއްކުން ފެށިގެންދާއިރު ބިން ހިއްކުމާއެކު އެއާޕޯޓް އަދި ކައިރިން ޕިކްނިކް އައިލެންޑެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން ލަސްތަކެއް ނުވެ އެ ރަށުގައި އާރްޓީއެލް ބަހުގެ ހިދުމަތްވެސް ފެށިގެންދާނެ ކަމަށާއި ޒުވާނުންނަށް ޔޫތު ސެންޓަރަކާއި ރަށުގެ މަގުތައް ދެން ހެދިގެންދާއިރު އިތުރު މަގުތައް ހިމެނިގެންދާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހއ. ދިއްދޫއަކީ ބޮޑުމިނުގައި 58.9 ހެކްޓަރުގެ ރަށެކެވެ. ދިއްދޫއަކީ ތިން ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް