ޕޯޗުގަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ތަރި ސްރިސްޓިއާނޯ ރޮނާލްޑޯގެ ޓްރާންސްފާ އާއި ގުޅޭ ވާހަކަތައް ދުނިޔޭގެ މަޝްޙޫރު މީޑިއާތަކުގައި ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ.
އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅޭ ޔޫރަޕުގެ ނަން މަޝްޙޫރު ބޮޑު ކުލަބަކުން ރަނގަޅު ހުށައެޅުމެއް ލިބިއްޖެ ނަމަ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ކުލަބުގެ މެނޭޖުމަންޓަށް އަންގާފައިވަނީ މި ހިނގާ ޖުލައި މަހުގެ ކުރީކޮޅުގައެވެ. ރޮނާލްޑޯގެ މި ނިންމުމާއި އެކު ދުނިޔޭގެ މީޑިއާތަކުގެ ފަލަ ޝުރުޚީތަކުގައި ބޮޑު އަކުރުން ރޮނާލްޑޯގެ މި ނިންމުމުގެ ވާކަތައް ލިޔެވެމުން ދިޔައެވެ. މިއަދުވެސް މީޑިއާތަކުގައި މި ވާހަކަތައް ތަފާތު އެކި ގޮތްގޮތަށް ލިޔެވެމުން އެބަދެއެވެ.
ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް ދަނީ ރޮނާލްޑޯއަށް ރަނގަޅު ކުލަބަކުން ހުށައެޅުމެއް ލިބޭތޯ ސަލާން ޖަހަމުންނެވެ. އެގޮތުން މެންޑޭސް ރޮނާލްޑޯ ގެންދިއުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރިކަމަށް ރިޕޯޓުތަކުގައި ބުނެފައިވަނީ ޔުނައިޓެޑާއި އެންމެ ވާދަވެރި ޗެލްސީއަށެވެ. ޗެލްސީގެ އިތުރުންް ޖަރުމަނުގެ ބަޔާން މިޔުނިކާއި ސްޕެއިންގެ ބާސެލޯނާ އަދި ފްރާންސްގެ ޕީއެސްޖީގެ އިތުރުން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ވެސް ރޮނާލްޑޯ ގެންދިއުމަށް މެންޑޭސް މަސައްކަތް ކުރިކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮންމެއަކަސް ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުޚީތަކުގައި މިއަދާއި ހަމައަށް ވެސް އެންމެ މަޝްޙޫރުކޮށް އެންމެ ގިނައިން ދެކެވެމުން އަންނަ އެއް ވާހަކަ އަކީ ރޮނާލްޑޯގެ ޓްރާންސްފާއާއި ގުޅޭ ވާހަކަތަކެވެ. އެގޮތުން މީޑިއާގައި ރޮނާލްޑޯގެ ޓްރާންސްފާއާއި ގުޅިގެން ދެކެވިފައިވާ ވާހަކަތަކަށް ކުރުކޮށް ބަލާލާނަމެވެ.
ޗެލްސީ (އިންގިރޭސި ވިލާތް)
އިނގިރޭސި މީޑިއާތަކުން ޚަބަރު ފެތުރި ހޮތުގައި ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް އެންމެ ފުރަތަމަ މަސައްކަތް ކުރީ ޔުނައިޓެޑާއި އެންމެ ވާދަވެރި ޗެލްސީން ރޮނާލްޑޯއަށް ފުރުސަތެއް ހޯދުމަށެވެ. އެގޮތުން ޗެލްސީގެ ކޯ އޯނަރު ޓޮޑް ބޯލީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭޒްއާއ ދެމެދު ބައްދަލުވުންތައް ވާއްވާ ޓްރާންސްފާގެ މަޝްވަރާތައް ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް ޓޮޑް ބޯލީ އާއި ޗެލްސީގެ މިހާރުގެ ކޯޗު ތޯމަސް ޓުޗެލް މަޝްވަރާކުރުމަށް ފަހު ޗެލްސީ އަށް ރޮނާލްޑޯ ނުގެންނަން ނިންމިކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެއެވެ.
ބަޔާން މިޔުނިކް (ޖަރުމަން)
މީޑިއާ ރިޕޯޓުތައްބުނާ ގޮތުން މެންޑޭސް ރޮނާލްޑޯއަށް ފުރުސަތެއް ލިބޭތޯ ޖަރުމަނަށް ގޮސް އެގައުމުގެ ކުލަބު ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކުލަބު ކަމުގައިވާ ބަޔާންމިޔުނިކުގެ މެނޭޖުމަންޓާއި އެކުވެސް ބައްދަލުވުންތައް ބޭއްވިއެވެ. ނަމަވެސް ބަޔާނުންވެސް ވަނީ ރޮނާލްޑޯއަށް އެ ކުލަބުން ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފައެވެ. މި ބައްދަލުވުންތަކަށް ފަހު ބަޔާންގެ ސީއީއޯ އޮލިވާ ހާން ބުނީ ރޮނާލްޑޯ އަކީ އޭނާއަށް ވަރަށް ކަމުދާ، މޮޅު ކުޅުންތެރިއެއް ނަމަވެސް ކުލަބުގެ ފިލޯސަފީއަށް ރޮނާލްޑޯ ފިޓް ނުވާކަމަށެވެ. އަދި ރޮނާލްޑޯ އަކީ މުޅިން ސްޓައިލް ތަފާތު ކުޅުންތެރިއަކަށް ވުމުން ބަޔާންގެ ޕްލޭންއަށް ވެސް ފިޓުނުވާނެ ކަމަށް ޚާން ބުންޏެވެ.
ޕީއެސްޖީ (ފްރާންސް)
ރިޕޯޓުތައް ބުނާގޮތުން މެންޑޭސް ރޮނާލްޑޯ ގެންދިއުމަށް މަސައްކަތް ކުރި ތިންވަނަ ކުލަބަކީ ފްރާންސްގެ ޕީއެސްޖީއެވެ. ޕީއެސްޖީގެ މެނޭޖުމަންޓާއި އެކު މެންޑޭސް ބައްދަލުވުންތައް ބޭއްވި ނަމަވެސް އެ ކުލަބުންވެސް ރޮނާލްޑޯ ގެންދިއުމަށް އެއްބަހެއް ނުވިއެވެ. ޕީއެސްޖީއަކީ މީގެ ކުރިން ރޮނާލްޑޯ ހޯދުމަށް މަސައްކަތް ކުރި ކުލަބެއް ނަމަވެސް ފަހުން ޚިޔާލު ތަފާތުވީ ކުރިން ބާސާއަށް ކުޅުނު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެ ކުލަބަށް ގެންދިޔަ ހިސާބުންނެވެ.
ނަމަަވެސް ރޮނާލްޑޯ ޕީއެސްޖީއަށް ބަދަލުވާން އުޅޭކަމަށް މީޑިއާގައި ދެކެވެމުން އައި ވާހަތަކާއި ގުޅިގެން ޕީއެސްޖީގެ ފުޓްބޯޅަ ޑިރެކްޓަރ ލުއިސް ކެމްޕޯސް ބުނީ ޕީއެސްޖީން ރޮނާލްޑޯ ހޯދުމަށް މި ހޫނު މޫސުމުގައި މަސައްކަތް ނުކުރާ ކަމަށާއި އަދި ރޮނާލްޑޯގެ އެޖެންޓުގެ ފަރާތުން ވެސް އެފަދަ އެއްވެސް ހުށައެޅުމެއް މިހާތަނަށް ކުލަބަށް ލިބިފައި ނުވާކަމަށެވެ. އަދި ރޮނާލްޑޯގެ ހުށައެޅުން ޕީއެސްޖީން ގަބޫލު ނުކުރިކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތައް ވެސް އޭނާ ވަނީ ދޮގުކޮށްފައެވެ.
ބާސެލޯނާ (ސްޕެއިން)
ރޮނާލްޑޯގެ އެންމެ ވާދަވެރި އެއް ކުލަބު ކަމުގައިވާ މެސީގެ ކުރީގެ ކުލަބު ބާސެލޯނާ އަށް ރޮނާލްޑޯ ގެންދިއުމަށް އޭނާގެ އެޖެންޓް މަސައްކަތް ކުރިކަމަށްވެސް މީޑިއާގައި ވަނީ ރިޕޯޓުކޮށްފައެވެ. މެންޑޭސް ބާސެލޯނާއަށް ގޮސް ބާސެލޯނާގެ މެނޭޖުމަންޓާއި އެކު ބައްދަލުވުންތަކެއް ބާއްވާ ރޮނާލްޑޯއަށް އެ ކުލަބުގައި އެއްވެސް ފުރުސަތެއް އޮތްތޯ ސުވާލު ކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ. އެހެން ނަމަވެސް ބާސާގެ ރައީސް ޖޮއަން ލަޕޯޓާ ވަނީ މިކަން ދޮގުކޮށްފައެވެ. ރޮނާލްޑޯގެ ޓްރާންސްފާ އާއި ގުޅިގެން މީޑިއާގައި ދެކެވޭ ވާހަތަކަށް ރައްދު ދެމުން ލަޕޯޓާ ބުނީ އޭނާ މެންޑޭސް އާއި އެކު ކެއުމަކަށް އެރިކަމަށާއި ނަމަވެސް ރޮނާލްޑޯގެ ޓްރާންސްފާއާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާކަމަށެވެ. އަދި ދެމީހުންގެ މެދުގައި އެންމެ ބޮޑަށް ދެކެވުނީ މިހާރު ޓްރާންސްފާ މާކެޓުގައި ކަންތައްތައް ހިނގާނުހިނގާ ގޮތުގެ ވާހަކަ ކަމަށް ވެސް ލަޕޯޓޭ ވަނީ ބުނެފައެވެ.
ސްޕޯޓިން ލިސްބަން (ޕޯޗުގަލް)
ރޮނާލްޑޯ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށި އޭނާގެ އެންމެ ފުރަތަމަ ކުލަބު ކަމުގައިވާ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއްވެސް މީޑިއާގައި ވަނީ ފެތުރިފައެވެ. ރޮނާލްޑޯގެ ކާރު ލިސްބަންގެ ސްޓޭޑިއަމް ތެރެއިން ފެނުނުކަމަށް ބުނެ މީޑިއާގައި އަޑު ފެތުރު ނަމަވެސް ރޮނާލްޑޯ ވަނީ މީޑިއާގައި ދެކެވުނު މި ވާހަކަތައް ވަގުތުން ދޮގުކޮށްފައެވެ. މި ވާހަކަތަކާއި ގުޅިގެން ރޮނާލްޑޯ އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރި މެސެޖެއްގައި ބުނީ އެއީ " ފޭކް" އެއް ކަމަށެވެ.
އެތްލެޓިކޯ މެޑްރިޑް (ސްޕެއިން)
ރޮނާލްޑޯއަށް ކިރިޔާވެސް ފުރުސަތެއް އޮތް ކަމަށް ބެލެވިފައިވަނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުންނެވެ. ނަމަވެސް އެތްލެޓިކޯ މެޑްރިޑުން ވެސް ރޮނާލްޑޯއަށް ފުރުސަތެއް އޮތީ މިހާރު ލިބޭ މުސާރައިން ބޮޑު ބައެއް އުނި ކުރާ ގޮަތަށެވެ. ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް ވަނީ ދާދި ފަހުން އެތްލެޓިކޯ މެޑްރިޑުގެ ސީއީއޯ މިގްއެލް އެންޖެލް ގިލް މާރިންއާއި އެކު ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި އެތްލެޓިކޯއިން ރޮނާލްޑޯއަށް ޝައުޤުވެރިވާކަން ހާމަ ކުރިނަމަވެސް ކުލަބުގެ މާލީ ހާލަތު ތަން ނުދޭތީ ހުށައެޅުން ޤަބޫލު ކުރެވެން ނެތް ކަމަށް ވަނީ ބުނެފައެވެ.
ރޮނާލްޑޯ އަކީ އެތެލްޓިކޯ މެޑްރިޑްގެ ހެޑް ކޯޗު ޑިއޭގޯ ސިމިއޯނީގެ ވަރަށް ފޭވަރިޓް ކުޅުންތެރިއެކެވެ. އެހެން ނަމަވެސް އެ ކުލަބުން ރޮނާލްޑޯ ގެނައުމަށް ބޭނުން ވި ނަމަވެސް ކުލަބުގެ މާލީ ހާލަތު ތަން ނުދޭތީ އެ ޓްރާންސްފާގެ ކަންތައް ކުރިޔަށް ގެންދެވެން ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރެއާލް މެޑްރިޑް (ސްޕެއިން)
ސްޕެއިންގެ ރެއާލް މެޑްރިޑަކީ ރޮނާލްޑޯގެ އެންމެ ފޭވަރިޓް އެއް ކުލަބެވެ. 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ރެއާލްގައި ރޮނާލްޑޯ ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެ ކުލަބާއި އެކު ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. ރެއާލްގެ ލެޖެންޑެއްގެ ގޮތުގައި ހުރި ރޮނާލްޑޯ އަލުން އެނބުރި އެ ކުލަބަށް ހިނގައިދާނެތޯ ކުރެވޭ ސުވާލުތައް ގިނައެވެ. އެގޮތުން ދާދި ފަހުން ސްޕެއިންގެ މީޑިއާތަކުން ވަނީ ރޮނާލްޑޯ އަލުން އެނބުރި ރެއާލް އާއި ގުޅެން މަސައްކަތް ކުރާކަމަށް ބުނެ އަޑު ފަތުރާފައެވެ. ނަމަވެސް މި އަޑުތަކާއި ގުޅިގެން ރޮނާލްޑޯ ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އަލުން އެނބުރި ރެއާލް އާއި ގުޅުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް