ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޒްލޫން ދޫކޮށްލައިފިއެވެ.
ޝައިޚް ފަޒްލޫން ގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް ޝަރުތުތަކެއްކޮށް ބަންދުން ދޫކޮށްލަން ކޯޓުން ނިންމީ މިއަދުއެވެ.
މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ އޭގެ ޖޫން 22 ވަނަ ދުވަހުއެވެ.
ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ. އަދި ޝައިޚް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް އިތުރުކޮށްފައިވަނީ މިމަހު 19 ވަނަ ދުވަހުއެވެ.
ޝައިޚް ފަޒްލޫނާއި ޝައިޚް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ ދެ ޝެއިޚުންނަށް ދީފައިވާ ހުއްދަ އަތުލާފައިވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް