ކިނބިދޫ އާއި ލަންދޫގައި ހިންގި ބީއެމްއެލް ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓްތައް ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ކިނބިދޫ އަދި ނ. ލަންދޫގައި ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ތ. ކިނބި...

21 Jul 2022 | 06:53

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ކިނބިދޫ އަދި ނ. ލަންދޫގައި ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތ. ކިނބިދޫގައި ވަނީ ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށްފައެވެ. ރަށުގެ ރައްޔިތުންނާއި ކިނބިދޫ ސްކޫލު ކުދިންނަށް ބޭނުން ކުރެވޭނެހެން މި ސަރަހައްދުގައި ވަނީ ހަޓް، ޖޯލި، ބެންޗު އަދި އައުޓްޑޯ ޝަވަރެއް ބަހައްޓާފައެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން އައިޝަތު ސަމާ ވިދާޅުވީ މިރަށުގައި މޫދަށް އެރުމަށް ހާއްސަ ބީޗު ސަރަހައްދެއް ނެތުމުން ރަށުގެ ރައްޔިތުން ޕިކްނިކް ގޮސްއުޅުމާއި މުނިފޫހިފިލުވުމުގެ ހަރަކާތަތަކަށް އާންމު ގޮތެއްގައި ކައިރި ރަށްރަށަށް ދަތުރުކުރަން މަޖުބޫރުވާ ކަމަށާއި މި ސަރަހައްދު ތަރައްގީވުމާއެކު، މިއީ އެންމެނަށް ވެސް ބޭނުންކުރެވެނެ ތަނެއް ކަމަށެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ނ. ލަންދޫގައި ވަނީ ބާބަކިއު ހެދުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކޮށްފައެވެ. މި ސަރަހައްދުގައި ވަނީ ބެންޗު، އުނދޯލި، އަދި ހަޓު ބަހައްޓާފައެވެ. މި ބާބަކިއު ސަރަހައްދުގައި މިނީ ލައިބްރަރީ އަކާއެކު ކެންޓީނެއް އަދި ތަކެތި ރައްކާކުރުމަށް ސްޓޯރެއް ވަނީ ގާއިމްކުރެވިފައެވެ.

ކޮމިއުނިޓީ ފަންޑު ޕްރޮޕޯސަލް ކާމިޔާބު ކުރި އަހުމަދު ރަޝީދު ވިދާޅުވީ މި ބާބަކިއު ސަރަހައްދު ހެދުމުގެ އެންމު ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

"މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކުރަން." އަހްމަދު ރަޝީދު ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިހާރު ބޭންކުން ދަނީ މިއަހަރުގެ ދެވަނަ ކުއާޓަރ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް