އެތެރެހަށީގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ ވައިގެމަގުން އިތިއޯޕިއާއިން ރާއްޖެއައި 02 މީހެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާ ކަމަށެވެ.
މި ދެ މީހުން ވެސް މަސްތުވާތަކެތި އެތެެރެކުރަން އުޅެފައިވަނީ ދިރުވާލައިގެން ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން ބުޔނީ މި ދެ ފަސިންޖަރުންނަކީ އުމުރުން 41 އަހަރުގެ އިނގިރޭސިވިލާތުގެ ދެ ފިރިހެނުން ކަމަށެވެ. އަދި އެއީ މިއަހަރުގެ ޖޫން 28 ވަނަ ދުވަހު ރާއްޖެއައި މި ދެ ފަސިންޖަރުން ކަމަށް ވެސް ބުންޏެވެ.
އެމީހުންގެ ޢަމަލުތައް ހުރިގޮތުން، އެމީހުންގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން، ކަސްޓަމްސްއިން ވަނީ މި ދެ ފަސިންޖަރުންގެ ހަށިގަނޑު ސްކޭންކޮށްފައި ކަމަށާއި މި ފަސިންޖަރުންގެ އެތެރެހަށިން "ފޮރިން ބޮޑީސް" ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
އެ އިދާރާއިން ބުނީ މިފޮރިން ބޮޑީސްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ "ކޮކެއިން" (Cocaine) ރައްކާކޮށްފައިވާ ކަމަށް ޝައްކުކުރެވިފައިވާއިރު، މި ދެ ފަސިންޖަރުންގެ އެތެރެހަށިން "ފޮރިން ބޮޑީސް" ގެ ގޮތުގައި ޖުމްލަ 220 ބުލެޓް ނަގާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ. އަދި މިތަކެތީގެ ޖުމްލަ ބަރުދަނުގައި ޕެކިންގއާއެކު 2.328 ކިލޯގްރާމް ހުރިކަމަށާއި މިތަކެތީގެ މަގުމަތީ އަގު 8,100,000.00 (އަށް މިލިއަން އެއްލައްކަ) ރުފިޔާއަށް އަރާ ކަމަށް ވެސް ބުނެއެވެ.
މިމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް