"ެ""ބެސްޓް އައިލެންޑް އިން އޭޝިއާ އެވޯޑު"" ރާއްޖެއަށް ލިބިއްޖެ"

ޓްރެވަލް + ލެޝަރ 2022 ގެ ވޯލްޑްސް ބެސްޓް އެވޯޑްސްގެ "ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑު ދިވެހިރާއްޖެ ކާމިޔާބުކޮށްފިއެވެ. ރާއްޖެއަށް މި އެވޯޑު ލިބިފައިވަނީ 20 ޖުލައިގައި ނިއު ޔޯކުގައި ބޭއްވި ޓްރެވަލ...

21 Jul 2022 | 06:26

ޓްރެވަލް + ލެޝަރ 2022 ގެ ވޯލްޑްސް ބެސްޓް އެވޯޑްސްގެ "ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑު ދިވެހިރާއްޖެ ކާމިޔާބުކޮށްފިއެވެ.

ރާއްޖެއަށް މި އެވޯޑު ލިބިފައިވަނީ 20 ޖުލައިގައި ނިއު ޔޯކުގައި ބޭއްވި ޓްރެވަލް + ލެޝަރ 2022 ގެ ވޯލްޑްސް ބެސްޓް އެވޯޑްސް ހަފްލާގައެވެ.

ޓްރެވަލް + ލެޝަރ 2022 ވޯލްޑްސް ބެސްޓް އެވޯޑްސްގައި ރާއްޖެއަށް ލިބުނު 'ބެސްޓް އައިލެންޑް އިން އޭޝިއާ' އެވޯޑާއި މަންޒިލުގެ ފަރާތުން ހަވާލުވެވަޑައިގަތީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހާރ އެކްސެލެންސީ ތިލްމީޛާ ޙުސައިންއެވެ.

ޓްރެވަލް + ލެއިޝަރ ގްލޯބަލް ވިޝަން އެވޯޑްސްއަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ޕްރެކްޓިސްތަކާއި ތަޖުރިބާތައް ފޯރުކޮށްދޭ ކުންފުނިތަކާއި، ފަރާތްތަކާއި، މަންޒިލްތަކާއި ޖަމިއްޔާތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މި އެވޯޑު ރާއްޖެއަށް ލިބުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި މިފަދަ އެވޯޑުތައް ލިބުމަކީ މުޅި ޤައުމަށް ލިބޭ ފަޚުރެއްކަމަށެވެ. އަދި ލިބޭ ކޮންމެ އެވޯޑަކީ މުޅި ޤައުމަށް ލިބޭ ކާމިޔާބީއެއް ކަމަށެވެ.

" އެއީ ސަރުކާރާއި މިނިސްޓްރީތަކާއި ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ލޯކަލް އަދި އިންޓަނޭޝަނަލް ޕާޓްނަރުން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންގެ ބުރަ މަސައްކަތާއި ޚިދުމަތްތެރިކަމާއި ކޮމިޓްމަންޓްގެ ނަތީޖާ. މަންޒިލް ޕްރޮމޯޓްކޮށް، ވީހާވެސް ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތަކީ އަޅުގަނޑުމެން އެންމެން ގުޅިގެން އަބަދުމެ ދަމަހައްޓަން ޖެހޭ މަސައްކަތެއް. ގޮންޖެހުންތައް ގިނަ. ނަމަވެސް މަންޒިލެއްގެ ގޮތުގައި، އަބަދުވެސް އަޅުގަނޑުމެންގެ ކޮންޕެޓިޓާސްއަށްވުރެ ކުރީގައި ތިބެންޖެހޭ. މިކަން ހާސިލްކުރެވޭނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ތަފާތު އަދި ރަނގަޅު ހިދުމަތްތަކެއް އަބަދުވެސް ދީގެން" ތޮއްޔިބު ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ފާހަގަކޮށްލެވޭ 4 އެވޯޑެއް ހާސިލްކޮށްފިއެވެ.

އޭގެ ތެރޭގައި ގްލޯބަލް މައިސް ކޮންގްރެސް އެންޑް އެވޯޑްސް 2022 ގެ މޯސްޓް ޕްރިފާރޑް ޓޫރިސްޓް ޑެސްޓިނޭޝަން 2021 އަދި އެމްއެމްޕީއާރުސީގެ "ރީޑިފައިނިންގ މައިސް" ކެމްޕޭނަށް ވަނީ އަހަރުގެ އެންމެ މޮޅު މާކެޓިންގ އިނިޝިއޭޓިވްގެ މަގާމު ހޯދާފައެވެ.

މީގެ އިތުރުން އޯޓީއެމް، މުމްބާއީ ހަރަކާތުގެ ބެސްޓް ސްޓޭންޑް ޑިޒައިން އެންޑް ޑެކަރޭޝަން އެވޯޑު އަދި  ޑަބްލިއުޓީއެމް އެފްރިކާ 2022 ގެ ބެސްޓް ސްޓޭންޑް ފީޗަރ ހިމެނެއެވެ. މި އަހަރުގެ ތެރޭގައި ވަކިވަކި ރިޒޯޓް އަދި ފަތުރުވެރިކަމުގެ ޕްރޮޕަޓީތަކަށް ވެސް ވަނީ އެކި އެވޯޑުތައް ލިބިފައެވެ.

2021 ވަނަ އަހަރު ރާއްޖެއިން ވަނީ 18 އަށް ވުރެ ގިނަ އެވޯޑު ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ވިދިވިދިގެން  ދެވަނަ އަހަރު ކާމިޔާބުކުރެވުނު ވޯލްޑް ޓްރެވަލް އެވޯޑްސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ މަޤްސަދަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ، މަންޒިލްގެ އެކި ސެގްމަންޓުތައް ޕްރޮމޯޓުކޮށް، ބްރޭންޑުގެ މަޝްހޫރުކަން އިތުރުކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް