ރާއްޖޭގެ މަޝްހޫރު މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރުމަށް ބަންގުލަދޭޝްގެ ރާޖްޝާހީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
އެ ކޯޓުން މިގޮތަށް އަމުރުކޮށްފައި މިވަނީ ރައުދާގެ ބައްޕަ ވެސް އެގޮތަށް އެދިފައިވާނިކޮށްނެވެ.
ރައުދާގެ ބައްޕަގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ވަކީލު އަސްލަމް ސަރްކާރް އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ރައުދާ ދަން ޖެހުނީ ފަންކާގައި ޝޯލެއް އަޅުވައިގެން ކަމަށްވާނަމަ ފަންކާއަށް ވެސް ގެއްލުންތަކެއް ލިބޭނެ ކަމަށާއި ރައުދާ ދަން ޖެހިފައި ހުއްޓައި ފެނުމުން އެ ކޮޓަރިއަށް މީހުން ވަނީ ދޮރު ހަލާކުކޮށްލައިގެންކަމަށް ބުނާއިރު، ދޮރު ހަލާކުކޮށްލައިގެން ވަން ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
އެހެންވެ، ކޯޓުން އެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ނިންމީކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.
ރައުދާގެ މަރުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދި ރިޔާސީ ކޮމިޝަނުން ވެސް ތަހުގީގުކޮށް، އެ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ރައުދާ މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ. އަދި އޭނާ ދަންޖެހުނީ ލޯބިވެރިޔާއާ މައްސަލަ ޖެހި އޭނާ ދޫކޮށް ދިޔުމުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ނަމަވެސް ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް ވަނީ އެކަން ދޮގުކޮށްފައެވެ. ޑރ. އާތިފް ބުނެފައިވަނީ ރައުދާގެ ކަރުގައި ހިފައި މަރާލާފައިވާކަމުގެ ފޮރެންސިކް ހެކި މަރުކޮމިޝަނަށް ހުށަހަޅަފައިވާނެ ކަމަށާއި އެހެންވެ، އެ ކޮމިޝަންގެ ރިޕޯޓް އާއިލާއިން ގަބޫލު ނުކުރާ ކަމަށެވެ.
ބަންގްލަދޭޝްގެ ރާޖްޝާހީ ގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުން ދިޔަ، އުމުރުން 21 އަހަރުގެ ރައުދާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިންނެވެ.
ރައުދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަދޭޝްގެ ސަރުކާރުން އެންމެ ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. ނަމަވެސް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އޭނާގެ ބައްޕަ މުހައްމަދު އާތިފު އެދުނެވެ. އަދި އެ މަރުގެ މައްސަލަ އަލުން ތަހުގީގުކޮށްދިނުމަށް އެދި 2019 ވަނަ އަހަރު ވަނީ އޭނާ އެމައްސަލަ ކޯޓަށް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް