ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގައި ރަނގަޅު ލީޑަރޝިޕެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވާހަކަފުޅު ދައްކަވައިފިއެވެ.
"އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި ކަމާގުޅޭ އެންމެންގެ ބަސް ހޯދައިގެން ނިންމުމާ ހިސާބަށް ދިޔުމުގެ ފައިދާތައް ހާމަކުރައްވާފައެވެ.
މީގެ އިތުރުން ވެސް ސިޔާސަތުތައް ކަނަޑައަޅާ ފަރާތްތަކުން ގޮންޖެހުންތަކުން އަރައިގަތުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯދުމަށް ވެސް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޑޮކްޓަރ ފާޠިމަތު ޝިފާޒާ ރާއްޖެ ދޫކުރައްވައި އެހެން ޤައުމަކަށް ހިޖުރަކުރެއްވުމަށްފަހު ވެސް ރާއްޖޭގެ ނަރސިންގް ކޮމިއުނިޓީއަށް ކޮށްދެއްވަމުންދާ ޚިދުމަތްތައް ފާހަގަކުރައްވައި، އެކަމަނާގެ މަސައްކަތްތައް ނަމޫނާއަކަށް ދެކި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް އެފަދަ ކަންކަމުން ފިލާވަޅު ލިބިގަނެ ރާއްޖޭގެ މުޖުތަމަޢަށް ޚިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެބޭފުޅުންނާ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.
"މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނަރޖީ" ގެ ތީމަށް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ބަނޑޮސް މޯލްޑިވްސްގައެވެ.
މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ދާއިރާގެ ބޭނުންތަކަށް ބޭނުން ހިފަން އެންމެ ރަނގަޅު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް