ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ އދ. އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ. މި ދަތުރަކީ އިންޑިއާއިން އެރުވި ދައުވަތަށް ޝާހިދު ކުރައްވާ ދަތުރެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ދަތުރުގައި ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވާނެ އެވެ. އޭގެ އިތުރުން އެ ގައުމުގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރުޝް ވަރުދަން ޝްރިންގްލާއާ ވެސް ބައްދަލުކުރައްވާނެ އެވެ.
އަންނަ ހުކުރު ދުވަހު އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގެ ސަޕްރޫ ހައުސްގައި ޝާހިދު ހާއްސަ ލެކްޗާއެއް ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ޝާހިދުއާ އެކު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވެސް ވަޑައިގަންނަވަ އެވެ.
އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސަކު ހޮވުމަށް މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި އދ. ގެ މެމްބަރު 191 ގައުމުގެ ތެރެއިން 143 ގައުމެއްގެ ވޯޓާ އެކު އެވެ. މިއީ މި މަގާމަށް ދިވެއްސަކު އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް