މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ނިރުބަވެރި ހަމަލާއެއް ހައްދުފަހަނައެޅި ޖަމާއަތެއް ކަމަށްވާ އައިއެސް އިން ކަމަށް އެ މަނިކުފާނު ތުހުމަތު ކުރައްވައިފިއެވެ.
ރައީސް ނަޝީދު، އިންޑިއާގެ "ވިއޯން" ނޫހަށް ވީޑިއޯ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި 5 މީހުންނަކީވެސް އިސްލާމީ ހަރުކަށި ފިކުރުުގެ ބައެއް ކަމަށެވެ. ހަރުކަށި ފިކުރުގެ މީހުން މީގެ ކުރިންވެސް މިފަދަ ހަމަލާތައް ރާވާފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ރިމޯޓް ޑިވައިސްއެއް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ހަމަލާއެއް ދިނީ އެމަނިކުފާނަށް ކަމަށެވެ.
ހަމަލާގައި ޝާމިލްވާ މީހުންނަކީ އައިއެސްއާ ގުޅުމެއް އޮތް ކަމަށް ނަޝީދު ވިދާޅުވި އިރު މިއީ ރަސްމީ އިދާރާއަކުން މިހާ ތަނަށް ހާމަކުރެއްވި މަޢުލޫމާތެއް ނޫނެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މަޖިލީހުގެ ގައުމީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241) އިން ވަނީ ބޮންގޮއްވުމުގެ ހާދިސާއާ ގުޅިގެން އިންކުއަރީ ރިޕޯޓެއް ވެސް ތައްޔާރުކޮށްފައެވެ.
ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރިއެވެ. އޭގެތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވެނީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްއެވެ.
މި މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. މީގެ ތެރެއިން ސައިކަލްގެ ވެރިމީހާ އަކީ ތަހުމީނެވެ. ފާތިހު އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާ ކަމަށްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް