މާލެއަށް އަލުން ކަރަންޓު ދީފި އެވެ.
މުޅި މާލެއިން ކަރަންޓު ދިޔައީ މިއަދު މެންދުރު 12:00 ހާއިރު އެވެ. މާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވަނީ ގާތްގަނޑަކަށް މެންދުރު 1:48 ހާއިރު އެވެ.
މާލެއިން ކަރަންޓު ކެނޑޭނެ ކަން ދުރާލާ ސްޓެލްކޯއިން ވަނީ އަންގާފައި އެވެ. އެއީ މާލެ އާއި ހުޅުމާލޭ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ކުރިޔަށް ގެންދާ ގްރޭޓާ މާލޭ ގްރިޑް ޕްރޮޖެކްޓުގެ މަސައްކަތް ކުރާތީ ކަމަށް ބުނެފައިވެ އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގްރޭޓާ މާލެ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ. މި މަސައްކަތުގެ ޓެސްޓިން މަރުހަލާތައް ކުރިޔަށްދާއިރު އާއި ކުރިމަގުގައި މައްސަލައެއް ދިމާނުވެ، މި މަޝްރޫއުގެ ފަސޭހަތައް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަށްޓަކައި ކުރިޔަށްގެންދާ މަސައްކަތުގައި ޓެކްނިކަލް މައްސަލަތައް ދިމާވެދާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން މުޅި މާލެ ނުވަތަ ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ. ސްޓެލްކޯއިން މަސައްކަތް ކުރަމުން ދަނީ ގްރޭޓާމާލެ ގްރިޑްގެ ޓެސްޓު މަރުހަލާ ވީއެންމެ އަވަހަކަށް ނިންމުމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މީޑިއާ އޮފިޝަލް ވިދާޅުވީ މި މަސައްކަތް ކުރިޔަށްގެންދާނެ ދުވަސްތަކާއި، ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ފުރުސަތު އޮތްނަމަ، އެކަމެއް ގެންދާނީ މީޑިއާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގަމުން ކަމަށެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑިގެން ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް