ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ، އިތުބާރު ނެތްކަމަށް ނިންމުމަށް މަޖިލީހުގެ ތަޅުމަށް މައްސަލަ ވައްދާފައިވާއިރު، އެ މައްސަލައިގެ ބަހުސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު ނައިބު ރައީސްގެ ރަސްމީ ޖަވާބުގެ ތެރެއިން މަޖިލީހަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ނައިބު ރައީސް ދެއްވައިފި އެވެ.
ރަސްމީ ޖަވާބުގައި ނައިބު ރައީސް ވިދާޅުވެފައިވަނީ ސީދާ ވޯޓަކުން ރައްޔިތުން ނިންމާފައިވާ ނިންމުމެއް ނަފީކުރުމުގެ ބާރު މަޖިލިހަށް ގާނޫނުއަސާސީން ދީފައި ނުވާ ކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ބިނާކުރައްވާފައި ވަނީ، ދުސްތޫރީ ގޮތުން ބެލުމެއް ނެތި، ހަމައެކަނި ކަމެއް ނިންމުމަށްޓަކައި އުފަންކޮށްފައިވާ ދިވެހި މުޅި ޤައުމު ލަދުގަންނަން ޖެހޭ އަސާސެއްނެތް ޔޯލަ ވާހަކަތަކެއް ކަމަށެވެ.
"ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް ބުނެފައި ވާއިރު، މި މަޖިލީހުގެ ތަޅުމުގައި މި ވާހަކަ މި ގޮތަށް ބުނުން ފިޔަވައި ދެން އޮތީ ވަކި ކޮން ހުއްޖަތެއް؟، މިދިޔަ ދުވަސްތަކުގެ ތެރޭގައި ނައިބު ރައީސްގެ ހައިސިއްޔަތުން މަގާމު އަދާކުރިއިރު ދުވަހަކު ވެސް ސަރުކާރާ ނުވަތަ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ނުވަތަ ސަރުކާރުގެ ސިޔާސަތާ ފުށުއަރާ ފަދަ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވާނެ، އެއާ ޚިލާފަށް ލިބޭ ހަނި ފުރުސަތުތަކުގައި ވެސް ސަރުކާރަށް އަދި ރައީސުލްޖުމްހޫރިއްޔާއަށް އަބަދުވެސް އެކަމެއްގެ ޝުކުރު އަދާކުރަން" ރަސްމީ ޖަވާބުގައި ޖަމީލް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ވި ހިސާބުން ފެށިގެން އެމަނިކުފާނުގެ ދައުރު ވެގެން ދިޔައީ ތޫނު ކަނޑިއެއްގެ މިޔަ މަތީގައި ހުރުން ފަދަ ކަމެއް ކަމަށެވެ. އަދި ސަރުކާރު ޕްރޮމޯޓްކުރުމަށް މަސައްކަތްކޮށްފި ނަމަ އެކަން ވެސް ވެގެން ދަނީ ހުއްދަ ނޫން ހަރަކާތެއް ހިންގުންކަމަށް، ޖަމީލު ވިދާޅުވި އެވެ.
މަސްއޫލިއްޔަތު އަދާ ނުކުރާކަމަށް ބުނާ ވާހަކަތަކަށް ޖަވާބުދާރީވަމުން ޖަމީލް ވިދާޅުވެފައިވަނީ ނައިބު ރައީސްގެ މަސްއޫލިއްޔަތު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ ވަޒީރަކާ އެއްގޮތަކަށެއް ނޫން ކަމަށާއި އަދި ވަޒީރަކު ފަދައިން ދުވަހުން ދުވަހަށް މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ގޮތަށް ނައިބު ރައީސާ މަސައްކަތްތައް ހަވާލުކޮށްފައި ނުވާ ކަމަށެވެ.
"އެކަމަކު އިއްޔެ ސިޔާސީ ދާއިރާއަށް ލޯ ހުޅުވި ބޭފުޅުންނަށް މިއަދު މި މަޖިލީހަށް އަޅުގަނޑުގެ ބުރަ މަސައްކަތް ވެސް ހިމެނޭ ގޮތަށް އިންތިޚާބު ވުމުން މިއަދު މިވަނީ ގާނޫނަކީ ކުޅޭކުޅޭ ސަމާސާ އެއްޗަކަށް ހަދާފަ އެވެ. ފަހުން ދުވަހަކު ޖަވާބުދާރީވާން ޖެހޭ ފަރާތެއް ނެތްކަމަށް ހީވާ ކަހަލަ އެވެ،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ މިހާރު އެ މަސައްކަތް ކުރަނީ ނައިބު ރައީސްގެ މަގާމަށް ރައްޔިތުން އިންތިހާބު ކުރި ފަރާތް އެއްކިބާކޮށް، ރައްޔިތުންނާ ހަމައަށް ނުވެދާ މީހަކާ ހަވާލު ނުކުރެވިގެން ކަމަށެވެ. އަދި އެކަމަށް ކެތްމަދުވެގެން ކަމަށެވެ.
މިކަން މިގޮތަށް ކުރުމަށް އެކި މެމްބަރުންނަށް އެކި މިންވަރުގެ އިނާޔަތްތަކާއި މަންފާތައް ލިބިފައިވާކަން މިއަދު ނުވަތަ މާދަމާ ފެނިގެން ދާނެ ކަމަށާއި ރައްޔިތުންގެ ޚަޒާނާގެ ގޮތުގައި ހިމެނޭ ފަޅުރަށްތަކާއި، އެކިއެކި ބިންތަކާއި އެހެނިހެން މަންފައަތައް ލިބިގެންދިޔަ ގޮތް ހާމަވާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި ރައްޔިތުންގެ އެންމެ ބޮޑު ނިންމުން ކަމަށްވާ ސީދާ ވޯޓަކުން ނިންމާ ކަންތައްތައް ނަފީކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިތްހަމަޖެއްސުމަށާއި، ސިޔާސީ ގޮތުން ވަކި މީހަކު ނުވަތަ ވަކި ބަޔަކު ނުވަތަ ވަކި ޖަމާޢަތެއް ރުއްސުމަށްޓަކައި ބޭނުންވާ އިރަށް މުޅި ރައްޔިތުންގެ ނިންމުންތައް ނަފީކުރުމުގެ ބާރެއް ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީން ލިބިދީފައި ނުވޭ" ނައިބު ރައީސް ވިދާޅުވި އެވެ.
އިތުބާރު ނެތްކަމުގެ މައްސަލާގައި ދުސްތޫރީ ގޮތުން ފުރިހަމަކުރަން ކަނޑައަޅާފައިވާ މަރުހަލާތައް އެއްކިބާކުރުމުގެ ބާރު ގާނޫނުއަސާސީގެ އަށް ވަނަ މާއްދާ އިން މަޖިލިހަށް ލިބިފައި ނުވާކަން ސާފުކޮށް އެނގެން އޮތް އިރު މަޖިލީހުގައި މި ކަމުގައި ޝާމިލްވާ މެމްބަރުން މިއަދު ދިވެހި ގައުމަށް އެ ތަމްސީލުކޮށްދެނީ، ގާނޫނުގެ ހުކުމް މުހިންމު ނޫން ކަން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ އަދި ދިވެހި ތާރީޚަށް މިއަދު އެ ހާމަކޮށްދިނީ ދިވެހިން ޚިޔާރުކޮށްފައިވާ ވެރިކަން ހިންގުމުގެ ނިޒާމު ބޭނުން ގޮތަކަށް، ވަކި ބަޔަކު އިސްވެ ތިބެ ފުރޮޅާލާ ކިލަނބު ކޮށްލާނެ ކަން ކަމުގައިވެސް ނައިބު ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ދުސްތޫރީ ގޮތުން ދިމާވާނެ އެންމެ މުހިންމު އެއް މައްސަލައިގައި ޢަމަލު ކުރަން ރާއްޖޭގެ ގާނޫނާއި ޑިމޮކްރެޓިކް ނިޒާމްތަކުގައި ކަނޑައެޅިފައިވާ ހުރިހާ ހަމަތަކެއް ރައްޔިތުންގެ މަޖިލީހުން މިއަދު އެއްކިބާކުރުމުން ސާބިތުވެގެންދަނީ މިއީ އެއްވެސް އަސާސެއް ނެތި ވަކި ބަޔަކު ބޭނުން ގޮތަކަށް ކަންތައް ހިންގުމަށް މިހާރު ރާއްޖޭގައި ފަށާފައިވާ މަސައްކަތުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ދިން ނިކަމެތި ކަމެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް