އިޒްރޭލުގެ ހަމަލާތައް ނިމެންދެން އީރާނުން ދިފާއުގައި ދެމިއޮންނާނެ ކަމަށް އީރާނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސައީދު އިރާވަނީ ވިދާޅުވެއްޖެ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާ އެކު ބޭއްވި ބައްދަލުވުމެއްގައި ސައީދު އިރާވާނީ ވިދާޅުވީ އދ.ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ގޮތަށް ސެކްރެޓަރީ ޖެނެރަލާއި އދގެ ސަލާމަތީ މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ކަމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާން އިން އުންމީދުކުރާ ކަމަށެވެ.
އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ހުއްޓުވަން އދ. ގެ ސަލާމަތީ މަޖިލީހުން ނުފޫޒު ނުފޯރުވާހާ ހިނދަކު އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އރާނުން ދަމަހައްޓާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިރާވާނީ ވިދާޅުވީ ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އިސްރާއީލުން ދިން ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ހަމަލާތަކެއް ކަމަށެވެ.
އީރާނަށް އިޒްރޭލުން ދޭ ޙަމަލާތަކާ ގުޅޭ ޙާލަތަށް އެއްވެސް ތަފާތުކުރުމެއް ނެތި ޢަމަލުކޮށް އެފަދަ ޙަމަލާތައް ކުށްވެރި ކުރަން ސައީދު ވަނީ އެދިވަޑައިގެންފައެވެ.
އިޒްރޭލުގެ ހަރުކަށި ފިކުރު ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި ބެހޭ ޖަމިއްޔާ އދ. އަށް މިހާތަނަށް މާބޮޑު ކަމެއް ކުރެވިފައެއް ނުވެއެވެ.
އިޒްރޭލުން ވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު އީރާނުގެ އެކި ކަންކޮޅުތަކުގައި ހުރި ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އެ ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް އިސްވެރިން ވަނީ ޝަހީދުވެފައެވެ. އަދި އެ ހަމަލާތަކުގައި އާންމުންގެ ބައެއް މީހުންވެސް ވަނީ ޝަހީދުވެފައެވެ.
މި ހަމަލާތަކާއި ގުޅިގެން އީރާނުން ރައްދު ހަމަލާތައް ހަމަ އެ ދުވަހު ދީފައިވާއިރު، އޭގެ ފަހުން ދެ ގައުމުން އަންނަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ.
އިސްރާއީލުން ހިފާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ސިލްސިލާ ޙަމަލާތަކެއް ދީ، ތެލްއަވީވް، އަލްޤުދުސް އަދި ހައިފާގެ މުހިންމު ތަންތަނަށް އަމާޒުކޮށް އިރާނުން ވަނީ ޙަމަލާތައް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް