ވަގުންގެ ނެޓްވޯކް ހުއްޓުވުމާއި ގޫޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު މުހައްމަދު ޝިފާން ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު (އެމް ސީ ހަމީދު) ވިދާޅުވެއްޖެއެވެ.
ވަގުންގެ ނެޓްވޯކް ހުއްޓުވުމާ ގުޅޭ ގޮތުން ޝިފާން ވިދާޅުވީ، މާލެ ތެރޭގައި އުޅޭ ވަގުންގެ ނެތްވޯކް ހުއްޓުވުމަށް ދަތި ތަކަކާއި ކުރިމަތި ލާން ޖެހެނީ ކުރީ ސަރުކާރުން ވަގުންގެ ބޮޑު އާބާދީއެއް މާލެތެރެއަށް ދޫކޮށްލާފައިވާތީ ކަމަށެވެ.
މިކަމާއި ގުޅިގެން ރައްދު ދެއްވަމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އެމް ސީ ހަމީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ވިދާޅުވީ،ފުލުހުންގެ ތަރުޖަމާނު ކަމުގައި ހުރެ ޝިފާން އެފަދަ ގޮތަކަށް ވާހަކަދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. އަދި ޕެރޯލްގެ ދަށުންނާއި އެހެނިހެން ގޮތްގޮތުން ކުށްވެރިން ކުރީ ސަރުކާރުތަކުންނާއި މި ސަރުކާރުންވެސް ކުށްވެރިން ޖަލުތަކުން ދޫކުރަމުންދާ ކަމީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.
އަދި މިކަމަކީ ކޮންމެ ވެރިއަކު ކިބައިގައިވެސް އާދަ ވެފައި ހުރި ކަމެއް ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.
މިކަން ކަން ފާހަގަ ކުރެއްވުމަށް ފަހު ހަމީދު ވިދާޅުވީ ކުށްވެރިން އަބަދު ޖަލުގައި ތިބެން ޖެހޭނެ ކަމަށް ދެކުމަކީ ރަގަނޅުކަމެއް ނޫން ކަމަށެވެ.
އަދި ޕެރޯލްއާއި އެހެނިހެން ގޮތް ގޮތުން ކުށްވެރިން ދޫކުރުމަކީ ގާނޫނު ހުއްދަ ދޭ ކަމެއް ކަމަށް ވާއިރު އެކަން ޒިންމާދާރުކަމާއެކު ކުރުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ސީނިއާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަމަލުކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތާމަ ކުރައްވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ފުލުހުންގެ މުވަސަސާ ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ އިތުރުން ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުންވެސް ފެނިގެން ދަނީ ހަމަ މިފަދަ ގޮތަކަށް ވާހަކަތަށް ދައްކަވަމުންދާ މަންޒަރު ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް