މި އަހަރުތެރޭ މާލޭގެ މިސްކިތްތަކުން ވައްކަމުގެ 21 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލަ ތަކާއި ގުޅިގެން ފުލުހުން ވަނީ، 6 ފަންކާ އާއި، 2 ފޯނު އަދި ފެންމޯޓަރެއް ހޯދައި ހަވާލުކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިފަދަ މައްސަލައަކާ ގުޅިގެން އިއްޔެ މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.
އެ ޕޯސްޓުގައި ވަނީ ޢީދު މިސްކިތުން މި މަހު އެކަނިވެސް ދިހަ ފަންކާ ވަގަށް ނަގާފައި ކަމަށް ބުނެފައެވެ.
ސިޓީ ކައުންސިލުން ބުނީ މިކަމާ ގުޅިގެން މިސްކިތުގެ ކެމެރާ ފުޓޭޖް ނަގާ ފުލުހަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
އަދި މިސްކިތުން ވައްކަން ކުރުމާ މިސްކިތުގައި ހުންނަ ތަކެއްޗަށް ގެއްލުން ނުދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ރޯދަ މަސް ތެރޭގައި ވެސް ދަރުމަވަންތަ މިސްކިތް އަދި ތަޤުވާ މިސްކިތުން ވައްކަން ކުރުމުގެ މައްސަލަ ތަކެއް ވަނީ ފެން މަތި ވެފައެވެ.
މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާކަމަކަށް ފުލުހުން މައުލޫމާތު ދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް