ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުން އަދި އޮޅުވާލައިގެން ފައިސާ ފޭރުން ފަދަ ކުށް ތަށް ހުއްޓުވުމުގެ ގޮތުން މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރ ހަރުކޮށްފިއެވެ.
ކައިރި މުސްތަގުބަލެއްގައި ބޮޑީ ސްކޭން މެޝިނެއްވެސް ޤާއިމްކުރާނެ ކަމަށް ދާހިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ. އިޙްސާން މިހެން ވިދާޅުވެފައި ވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައެވެ.
ޖަލަށް ފޯނާއި މަސްތުވާ ތަކެތި ވެއްދުމުގެ މައްސަލއަކީ ޙައްލު ނުވެ އޮތް މައްސަލައެއް ކަން ފާހަގަކުރައްވާ އިޙްސާން ވިދާޅުވީ އެކަންކަން ހުއްޓުވުމަށް މި ސަރުކާރުން ވަނީ ޙާއްސަ މަސައްކަތްތަކެއް ފައްޓަވާފައި ކަމަށެވެ. ޖަލަށް ފޯނު ވައްދައިގެން ސްކޭމް ކޯލްތައް ކުރުން ފަދަ އަމަލުތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަން އިޙްސާން ވަނީ ފާހަގަ ކުރައްވާފައެވެ.
އިޙްސާން ވިދާޅުވީ، ސްކޭމް ކޯލްތައް އެންމެ ގިނައިން ކުރަނީ ޖަލުން ކަމަށެވެ. އެކަން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދާ ކަމަށެވެ. އަދި އެފަދަ ކޯލްތައް ހުއްޓުވުމަށް މާފުށީ ޖަލުގައި ދެ މެޓަލް ޑިތެކްޓަރ މި ދިޔައި ހަފްތާ ތެރޭގައި ހަރުކޮށްފައި ވާކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ހަށިގަނޑު ސްކޭން ކުރާ ނުވަތަ ބޮޑީ ސްކޭންނިންގ މެޝިނެއް ޖަލުގައި ޤާއިމް ކުރާނެ ކަމަށެވެ. މި ފިޔަވަޅަކީ އެ މައްސަލަ ހައްލު ކުރުމަށް އެޅޭނެ ވަރަށް ރަގަނޅު ފިޔަވަޅެއް ކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ޖަލުގެ ހަމަ ކޮންމެ ގޮޅިއަކުން ފޯނު ފެންނަ ކަން ފާހަގަ ކުރައްވާ އިހުސާން ވިދާޅުވީ އެއީ ހިތާމަވެރި ހަގީގަތް ކަމަށެވެ. އަދި މަސްތުވާ ތަކެތި ވެސް ފެންނަ ކަމަށާއި އެކަން ކަމަށް އަޅަން ޖެހޭ ފިޔަވަޅު އަޅަމުން ދާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް