މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްކަމުގެ މަގާމުގައިވެސް ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސްކަންވެސް ކުރެއްވެވި، ރައީސް މުހައްމަދު ނަޝީދު މިއަދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާއިރު ވަރަށް އަސަރު ގަދަ ލަވައެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވައިފިއެވެ.
މޯލްޑިވްސް މީޑިއާ ކޮމްޕެނީގެ ދަށުން މީގެ އަހަރުތަކެއް ކުރިން ހިންގަމުންދިޔަ ދި ޓީވީން ގެނެސްދިން އެންމެ ރީތި ސިލްސިލާގެ ސީޒަން ދޭއްގެ އެޕިސޯޑް ދޭއްގައި ދިވެހި މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް ކިޔާދީ އަދި އެކްޓްވެސް ކޮށްފައިވާ މި ލަވަ ނަޝީދު ދޫކޮށްލެއްވީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ ހޭންޑަލް ކަމުގައިވާ "އަނެއް ދިވެހިރާއްޖެ" ހޭންޑަލްގައެވެ.
ރައީސް ނަޝީދު ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ލަވައިގެ ޅެން:
އެ ހޯދި އުފާތަކާ، އެ މަސްތީ ރޭތަކާ، އެއައި މޫސުން ނަޔާ، މިލާނެތިގެންދިޔާ
އެ ފަރި ހިނިތުންވުމާ، އެ ރީތި ބެލުންތަކާ، ހަނދެއްފަދަ ރީތިކަން ލޮލަށްވީ ގެއްލިފާ
އެ މަންޒިލް އަދު ކޮބާ، އެ ހަނދުވަރު އޮއްސިފާ، ހުރީ ވެވިފާ، ބާކީ
****
ނުހަނު ލޯބިން މިތާ، ކުރީ ވައުދާ ހުވާ، ދެހިތް ވަކިވެވި ނުދާން އަރަންޏާ އިރު ހަނދާ
ތެމިއްޖެ ލޯ ކަރުނައިން، ރޮވިއްޖެ ތިޔަ ހަނދުމައިން، ހިނގައްޖެ އުންމީދުތައް، މުޅިން ބޭކާރު ވެގެން
ޚިޔާލާ ފިކުރުގާ، ހުރީ ވަރުބަލި ވެފާ، ވަނީ ވެވިފާ، ބާކީ
****
އެ ހޯދި އުފާތަކާ، އެ ރޭތައް ގެއްލުނީ، ނަޔާ މޫސުން ބަހާރު، މިލާގޮސް މޯޅިވޭ
އެ ވީ މަޖުބޫރުގާ، ދެތަން އަދު ވެއްޖެޔޭ، އުފާތައް ގެއްލިފާ، ވަށާލީ ބަނަކަމޭ
އުދާހާ ކަރުޔަނާ، ވަނީ މި ހަޔާތުގާ، ނިމެންވީހޭ، ވޭނުން
މި ވޭނުން
ރައީސް ނަޝީދުގެ މި ލަވަ ހާއްސަކޮށްލާފައިމިވަނީ ކޮން ފަރާތަކަކަށްކަން ޔަގީނެއް ނޫނެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ރައީސް ނަޝީދުގެ ގޮތުގައި ފެނި، އެނގި، ސިޔާސީ ކުރިއެރުންތަކާއި ކާމިޔާބު ހޯއްދެވީ އެމްޑީޕީގެ ތެރެއިން ކަމުގައިވާއިރު އެމްޑީޕީ ދޫކޮށް، އެ ޕާޓީން ވަކިވާއިރު އަސަރުތަކަކާއި އުދާސްތަކެއް ހުންނާނެކަމީ ޔަގީން ކަށަވަރުވާ ކަމެކެވެ.
https://twitter.com/anedhivehirajje/status/1671474373012910080
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް