ސިފައިންގެ ޚިދުމަތުގައި ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާ 4 ބޭފުޅަކަށް "ނަމޫނާ އަސްކަރީ އިސް ޚިދުމަތްތެރިންގެމަތިވެރި މެޑަލް ދެއްވާފައިވެއެވެ.
ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި މިބޭކަލުންނަށް މިމެޑަލް ދެއްވާފައިވަނީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާއިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ނަމޫނާ އަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑަލް ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ފަހަރެވެ.
އެގޮތުން މިމެޑަލް ލިބިވަޑައިގަންނަވާފައި ވަނީ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ، ލެފްޓިނެންޓް ޖެނެރަލް ރިޓަޔަރޑް ޢަބްދުއްސައްތާރު އާދަމް(އަމްބަރީޢަބްދުއްސައްތާރު)އާއި، ނިޝާން އަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް ރިޓަޔަރޑް، މުޙައްމަދު ޒާހިރާއި، މޭޖަރ ޖެނެރަލް ރިޓަޔަރޑް، މޫސާ ޢަލީ ޖަލީލްއާއި، މޭޖަރޖެނެރަލް ރިޓަޔަރޑް، އަޙްމަދު ޝިޔާމްއަށެވެ.
މިމެޑަލަކީ ސިފައިންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފަޔާއެކު އެރުވުމަށް ނިންމަވާފައިވާމެޑަލްއެކެވެ. އަދި ހަމައެފަދައިން މިމެޑަލް އަރުވަނީ، އަސްކަރިއްޔާ ފަޚުރުވެރިވާފަދަ އަޚުލާޤެއް ސިފައިންގެ ޚިދުމަތާއި ވަކިކުރެއްވުމަށްފަހުވެސް، ޢަމަލާއި ބަހުންޘާބިތުކޮށްދެއްވާފައިވާ ބޭކަލުންނަށެވެ.
ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޚާއްސަ މި ރަސްމިއްޔާތުގައި ސިފައިންގެ އެކި ރޭންކްތަކުގެ ބޭކަލުންނަށް މެޑަލް ޙަވާލުކުރައްވާފައެވެ. އަދި ރީތި ނަން ހޯދާފައިވާފަރާތްތަކަށް ލިޔުން ހަވާލުކަރައްވައި، އެކިގޮތްގޮތުން ސިފައިންގެ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށްވަނީ ފިލާއަރުވާފައެވެ.
މިހުރިހާ ފަރާތަކަށްވެސް މެޑަލްއާއި ފިލާ އަދި ލިޔުން ޙަވާލުކޮށްދެއްވީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދުޞާލިޙެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް