ދިވެހި ގިނަ ފިރިހެނުންގެ ލޯބި ލިބިފައިވާ އެންޑްރޫ ޓޭޓް އަށް ރޭޕްގެ ދައުވާ އުފުލައިފި

ދިވެހި ފިރިހެނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެންޑްރޫ ޓޭޓްގެ މައްޗަށް ރޫމޭނިއާގައި ގިނަ ދައުވާތަކެއް އުފުލައިފިއެވެ. ސޯސަލް މީޑިއާ އިންފްލުއެންސާ ޓޭޓްގެ މައްޗަށް އުފުލާފައިވަނީ އިންސާނީ...

21 Jun 2023 | 06:08

ދިވެހި ފިރިހެނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެންޑްރޫ ޓޭޓްގެ މައްޗަށް ރޫމޭނިއާގައި ގިނަ ދައުވާތަކެއް އުފުލައިފިއެވެ.

ސޯސަލް މީޑިއާ އިންފްލުއެންސާ ޓޭޓްގެ މައްޗަށް އުފުލާފައިވަނީ އިންސާނީ ވަގުފާރިކުރުމާއި، ރޭޕާއި، އަދި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމަށް ގޭންގެއް އުފެއްދުމުގެ ކުށުގައެވެ. ޓޭޓްގެ ކޮއްކޮ ޓްރިސްޓަން ޓޭޓް އަދި އިތުރު ދެ އަންހެނެއްގެ މައްޗައް ވެސް ވަނީ ދައުވާ އުފުލާފައެވެ. މި އެންމެންވެސް ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. ރޫމޭނިއާގައި އިންސާނީ ވަގުފާރިކުރުމާއި އަދި ރޭޕްގެ ކުށުގެ އަދަބަކީ ދިހައަހަރު ދުވަހަށް ޖަލަށް ލުމެވެ.

ރޫމޭނިއާގެ ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި ދައުވާ އުފުލާފައިވާ އެންމެން ވެސް ހިމެނެނީ ހަތް އަންހެނަކަށް ގޯނާ ކުރުމުގެ މައްސަލަތަކެއްގައެވެ. މިވަގުތު ގޭ ބަންދުގައި ހުރި ޓޭޓްގެ މަށްޗަށް މީގެން އެއް އަންހެނަކު ރޭޕްކުރުމުގެ ތުހުމަތުވެސް ކުރެއެވެ. މި ހުރިހާ އަންހެނުންނާއި ވެސް ޓޭޓްގެ ދެބެން ގުޅުން ބަދަހިކޮށްފައިވަނީ ލޯބީގެ ގުޅުމާއި ކައިވެނި ހުށައަޅައިގެން ކަމަށެވެ. ގުޅުންބަދަހި ކުރުމަށްފަހު ރޫމޭނިއާގައި ހުންނަ އެމީހުންގެ ގެތަކަށް ގެންގޮސް ޖިސްމާނީ ގޮތުން އަނިޔާކޮށް ނަފްސާނީގޮތުން ބިރުދައްކައިގެން މި އަންހެނުން ލައްވައި އޮރިޔާން ކާޑު ތައްޔާރުކޮށް ސޯސަލް މީޑިއާ ޕްލެޓްފޯމް ތަކަށް ލައި މާލީ މަންފާތައް ހޯދާފައިވާކަމަށް ޕްރޮސެކިއުޓަރުން ވަނީ ބުނެފައެވެ.

މީގެ ކުރިން ކިކް ބޮކްސިންގައި ވިދާލި އެންޑްރޫ ޓޭޓް ސޯސަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވަނީ މުއްސަނދި ދިރިއުޅުމެއް އުޅޭކަން ދައްކައި އަދި ރީތި އަންހެނުން ގެންގުޅޭކަން ދައްކައިގެންނެވެ. 2022 ވަނަ އަހަރު އަށްވަނައަށް އެންމެ ގޫގަލް ކޮށްފައިވާ މީހަކީ އެންޑްރޫ ޓޭޓްއެވެ.

މީގެ ކުރިން ޓޭޓް ވަނީ އަންހެނުންނާއި ކުއްތާއިންނާއި އަޅާކިޔާފައެވެ. މީގެ އިތުރުން ރޭޕްގެ މައްސަލަތަކުގައި އަންހެނުން ކޮންމެވެސް ވަރަކަށް ޒިންމާވާން ޖެހޭނެކަމަށްވެސް ޓޭޓް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް