ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް މޫސުން ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
"ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން" މެޓުން ބުނެފައިވެއެވެ.
މެޓުން ބުނެފައިވަނީ މިއަދު ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. މެދުރާއްޖެއާއި އުތުރުގެ އެކި ހިސާބަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
"ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
ކަނޑުތައް މިއަދު ގަދަވާނެކަމަށް ބުނެފައިވެއެވެ. އަދި ރާޅުގެ އުސްމިން މިއަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ. ރާއްޖޭގައި އާންމުގޮތެއްގައި ރާޅުގެ އުސްމިން ހުންނަނީ ފޫޓަކާއި ތިން ފޫޓާއި ދެމެދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް