ހަމަނުޖެހުމެެއް ހިނގާފާނެކަން އެނގިތިބެ ސަރުކާރުން ސަލާމަތީ ފިޔަވަޅު ނާޅާ އިވެންޓު ބޭއްވުން ގޯސް: އެމްއެންޕީ

ހަމަނުޖެހުމެއް ހިނގާފާނެކަމަށް ބެލެވެން އޮތް އިރު، ޔޯގާ އިވެންޓް ސަރުކާރުން ބޭއްވީ ސަލާމަތީ ފިޔަވަޅު ނާޅާކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނެފައިވަނީ 2...

21 Jun 2022 | 18:18

ހަމަނުޖެހުމެއް ހިނގާފާނެކަމަށް ބެލެވެން އޮތް އިރު، ޔޯގާ އިވެންޓް ސަރުކާރުން ބޭއްވީ ސަލާމަތީ ފިޔަވަޅު ނާޅާކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ 21 ޖޫން 2022 ގައި ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ޔޯގާ އިވެންޓް ހުއްޓުވުމަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން އެޕާޓީގެ ފަރާތުން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެއްވެސް ފަރާތަކުން ސިޔާސީ ފައިދާއަށް ދީން ހަތިޔާރެއްގެ ގޮތުގައި ނެގުމަކީ އެޕާޓީން އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.  އެހެންވެ، ސިޔާސީ މަންފާ ހޯދުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އެ އިވެންޓް ހިނގަމުންދިޔަ ވަގުތު ސްޓޭޑިއަމްގައި ތިބި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނެތުމަކީ އެ ޕާޓީން ކަންބޮޑުވާކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

"މިފަދަ ހަމަނުޖެހުމެއް ހިނގާފާނެކަމަށް އަންދާޒާ ކުރެވޭފަދަ ގޮތްގޮތަށް ފާއިތުވި ދެތިން ދުވަހު އާންމުންގެ ތެރޭގައި އަދި ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފައިވުމާއި މި އިވެންޓް ކުރިއަށް ގެންދިއުމަށް އާންމުންގެ ތެރެއިން ގިނަ ބައެއްގެ ނުރުހުން އޮތްކަން ސާފުކޮށް އެނގެން އޮތްއިރުވެސް ފުލުހުން މިކަމަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުވެފައިނެތްކަން ފާހަގަކުރެވެއެވެ." އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޕީން ބުނީ މިފަދަ އިވެންޓެއް ބޭއްވުމަށް އާންމުންގެ ގިނަ ބައެއްގެ މި ކަންބޮޑުވުން އޮތްއިރު އެކަމަށް ބެލުމެއްނެތި މި އިވެންޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވަނީ މި އިވެންޓްގައި ބައިވެރިވާ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާލުމެއް ނެތިކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެންވީމާ ސަރުކަރުން މިފަދަ ނިންމުންތައް ނިންމުމުގައި ވީހާވެސް ޒިންމާދާރުކަމާއެކު ކުރިއަށްދިއުމަކީ މުހިންމުކަމެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށާއި މިފަދަ ނުރައްކާތެރި އަދި ބިރުވެރި ޖަރީމާތަކަށް ދުރާލާ ތައްޔާރުވެތިބެ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. އަދި އާންމުންގެ ސަލާމަތާ ރައްކާތެރިކަމަށް އަދި ގައުމުގައި ސުލްހަވެރިކަން ދެމެހެއްޓުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް