ރާއްޖެފަދަ އަމާން، ސުލްހަވެރި މުޖުތަމައެއްގައި ހަމަނުޖެހުމާއި އަނިޔާވެރި ޢަމަލުތަކަށް ޖާގައެއް ނެތް: އެމްޓީޑީ

ދިވެހިރާއްޖެ ފަދަ ފަދަ ސުލްހަވެރި އަމާން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި މިބާވަތުގެ ހަމަނުޖެހުމާއި އަނިޔާވެރި އަމަލުތަކަށް ޖާގައެއް ނެތް ކަމަށް މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ...

21 Jun 2022 | 17:31

ދިވެހިރާއްޖެ ފަދަ ފަދަ ސުލްހަވެރި އަމާން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި މިބާވަތުގެ ހަމަނުޖެހުމާއި އަނިޔާވެރި އަމަލުތަކަށް ޖާގައެއް ނެތް ކަމަށް މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރުމުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.

އެމްޓީޑީ ގެ ބަޔާނުގައި ވަނީ މިމައްސަލައިގައި ރައީސް ސޯލިހު ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ސީރިއަސް ތަހުގީގެއް ފެށުމަށް އަމިއްލައަށް އިސް ނައްގަވާ ވަގުތުން ނިންމި ނިންމުމަށް މަރުހަބާ ދަންނަވާފައެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅުއްވައި މިފަދަ ކަމެއް ރާއްޖޭގައި ތަކުރާރު ނުވާނެގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އެ ޕާޓީގެ ބަޔާނުގައި އިތުރަށް ބުނީ އިންޑިއާ އިން އ.ދ އަށް ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ގޮތުގައި 21 ޖޫން ހަމަޖައްސަން 2014 ގައި ހުށަހެޅި ގަރާރު ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ކޯ-ސްޕޮންސަރ ކުރައްވައި ވޯޓު ލައިގެން ފާސްވެފައިވާ ކަމަށެވެ.

2015 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ ޔޯގާ ދުވަހަކީ ދިވެހި ސަރުކާރާއި އިންޑިއަން ހައިކޮމިޝަން އަދި  އ.ދ އާއި ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިއަދު ރައީސް ޔާމީން އިންޑިއާ އާއި މެދު ހިންގަވާ ޒާތީ ކެމްޕޭނުގައި، އިންޑިޔާ އާއި ދެކޮޅަށް ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ދީނީ އެކި ޖަމާޢަތްތަކަށް ހިތްވަރު ދެއްވައި ހައްދުފަހަނަޅާފާއިވާ ދަރަޖައަށް ޕީޕީއެމް މެދުވެރިކޮށް މިކަންކަން ގެންގޮސްފައި ވަނީ ރައީސް ޔާމީންގެ "އިންޑިއާ އައުޓް” ކެމްޕޭން އެއްވަރެއްގައި ހިފަހައްޓާނުލެވި އަދި ރައްޔިތުންގެ ތާއީދު ނެތި ނާކާމިޔާބުވުމުން ކަމަށް ވެސް އެމްޓީޑީ ގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއަދު މެދުއިރުމަތީގެ މުސްލިމު ގިނަ ގައުމުތަކެއް ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް މިދުވަސް ފާހަގަކުރި ކަމަށާއި ނަމަވެސް ސިޔާސީ މަންފާއަށްޓަކައި ޕީޕީއެމް އިން އަޑީގައި އޮވެ މި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ނަން ކިލަނބު ކޮށްފި ކަމަށެވެ.

މީގެ އިތުރުން ޓޫރިޒަމަށް ބަރޯސާވާ އަދި ދުނިޔޭގެ އެންމެންނަށް ސުލްހަވެރި މެހެމާންދާރީކަން ވިއްކަމުން އަންނަ މިރީތި ގައުމަށް އެތައް ގެއްލުމެއް މިކަމުގެ ސަބަބުން ވާނެކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ދުނިޔެއަށް އިގްތިސާދީ  ތަދުމަޑުކަމެއް އައިސްފައި އޮތް ދުވަސްވަރެއްގައި އަޅުގަނޑުމެން އެންމެން މިދިވެހި ގައުމާއި މެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް