ސިޔާސީ މަންފާއަށްޓަކާ ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރި ވެއްޖެ

ސިޔާސީ މަންފާއަށްޓަކާ ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއްޖެއެވެ. އެ މިނިސްޓްރީން މިފަދައިން ނަސޭހަތްތެރިވީ ގަލޮޅު ރަސްމީ ދަނޑުގައި ދައުލަތުގެ އިސްވެރިންނ...

21 Jun 2022 | 17:06

ސިޔާސީ މަންފާއަށްޓަކާ ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއްޖެއެވެ.

އެ މިނިސްޓްރީން މިފަދައިން ނަސޭހަތްތެރިވީ ގަލޮޅު ރަސްމީ ދަނޑުގައި ދައުލަތުގެ އިސްވެރިންނާއި ރާއްޖޭގައި ތިއްބެވި ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެން ކުރިއަށްގެންދިޔަ ހަރަކާތަށް ބަޔަކު ހުރަސް އަޅާ، ހަމަނުޖެހުން ހިންގާފައިވާތީ، ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެއްވެސް އިޚްލާސްތެރިކަމެއްނެތި، އިސްލާމްދީނާއި ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި ކަމަށް ބުނެ ރާއްޖޭގެ ދާޚިލީ ހަމަޖެހުން ނަގާލެވޭ މޭރުމުން ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަށްޓަކާ ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް ރައްޔިތުންނަށް ނަސޭޙަތްތެރި ވާ ކަމަށެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި، ސިޔާސީ މަޤްޞަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަމުންދާކަން ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި މުންކަރާތް ނަހީކުރުމުގެ ނަމުގައި ހިންގާފައިވާ ކަންތައްތަކަކީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ ޢަމަލުތަކެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ވަނީ މިފަދަ ކަންކަމާމެދު ދީނީ ޢިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ، މުޖުތަމަޢުގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް