ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަރޝިޕް މިއަހަރު ލިބޭ ތިން ދަރިވަރުން ހޮވައިފިއެވެ.
އެ ބޭންކުން ބުނީ މި ހިނގާ 2022 ވަނަ އަހަރު ބީއެމްއެލް ސްކޮލަރޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ތިން ދަރިވަރުންނަކީ އަޙްމަދު ނިސާލް ޢަބްދުﷲ އާއި އާމިނަތު މައިސާ ނިޔާޒު އަދި އިސްމާޢިލް ޒަކްވާން ޝިހާދު ކަމަށެވެ.
މިކަމާއިގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އެ ބޭންކުން ހުރިހާ ޚަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ތަޢުލީމީ، ގާބިލް ޒުވާން ދިވެހި ތިން ދަރިވަރުންނަށް ލިބިގެންދާކަމީ ލިބޭ ފަޚުރެއް ކަމަށެވެ.
" މި ސްކޮލަރޝިޕްގެ ދަށުން ކުރިއަށް އޮތް ޖީލުތަކުގެ ލީޑަރޝިޕް މަގާމުތައް ފުރަމުންދާނެ ހުނަރުވެރި ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެ. ތައުލީމީ ގޮތުން ވަރަށްވެސް މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ ލީޑަރޝިޕް ދައްކުވައިދޭ ހުނަރުވެރި ޒުވާނުން ހޮވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއްވެސްމެ. ޒުވާނުންގެ ތެރެއިން ގައުމަށް ހިދުމަތްކުރުމަށް ބޭނުންވާ ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތު ހޯދައިދިނުމަކީ އަނބުރާ މުޖުތަމައަށް އެހީތެރިވެ، ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއްވެސްމެ." ޓިމް ވިދާޅުވިއެވެ.
މި ސްކޮލަރޝިޕް ފަންޑަކީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ހިމަނައިގެން ދެވޭ ސްކޮލަރޝިޕެކެވެ.
މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީ އިން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެއެވެ.
ވަރަށްވެސް ވާދަވެރިކޮށް ދިޔަ މި ސްކޮލަރޝިޕް ފަންޑު ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ މަތީ ތައުލީމް ހާސިލްކުރުމަށްފަހު ދިވެހިރާއްޖޭގެ ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ.
ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތުގެ ގޮތުގައި ނޮވެމްބަރު 2021 ގައި ތައާރަފްކުރެވުނު ފަންޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް