މަހްލޫފެއް ކަމަކު ލޮލަށް ބޮލަށް ގޮވުން ހަޑި: ޑރ. އިޔާޒް

މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ބަޔަކު މީހުންގެ ލޮލަށްގޮވުން ވަރަށް ހަޑި ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދީނާ ޚިލާފު ކަމެއ...

21 Jun 2022 | 08:07

މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ބަޔަކު މީހުންގެ ލޮލަށްގޮވުން ވަރަށް ހަޑި ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދީނާ ޚިލާފު ކަމެއް ކަމަށް ބުނެ ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވަމަކީ ސިޔާސީ ކަމެއް ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. އިޔާޒުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ މީގެ އިތުރުން ކުރިން ކުރި ކަމެކޭ ބުނެ އެގޯސް ތަކްރާރު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

https://twitter.com/dr_iyaz/status/1539126470483877888

މިއަދު ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް، ބަޔަކު ނިކުމެ ހުއްޓުވުމާއި ގުޅިގެން މަހްލޫފް ވިދާޅުވީ މިއީ ވަރަށް ދެރަ ކަމެއްކަމަށެވެ. އަދި މިކަމަކީ އިންޓަރނޭޝަނަލީ ބޮޑު ކޮންސިކުއެންސްތަކާ ކުރިމަތިވެދާނެ ފަދަ ކަމެއް ކަމަށެވެ.

ޔޯގާއަކީ އަޅުކަމެއް ނޫން ކަމަށާއި އެއީ ކަސްރަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ މަހްލޫފް ވިދާޅުވީ ޔޯގާ ދުވަހަކީ 2014 އިން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ޔޯގާ ދުވަސް ހާމަކަން ބޮޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ.

"އޭރު ހަރާމް ނުވި ކަމެއް މިހާރު ހަރާމް ވާކަށް ނުޖެހޭ. ދީނާ ޚިލާފު ކަމެއް ކަމަށް ބުނެ ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވަމަކީ ސިޔާސީ ކަމެއް." މަހްލޫފު ވިދާޅުވެފައިވެއެވެ.

https://twitter.com/AhmedMahloof/status/1539139638585065472

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގަލޮޅު ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

އެކަމުގައި ޝާމިލުވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

https://twitter.com/ibusolih/status/1539117697157713921

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް