މިއަދު ބާއްވަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވުމުގައި ސަލަފުން ހަރަކާތްތެރިވެފައިނުވާނެ ކަމުގައި އެ ޖަމިއްޔާއިން ބުނެފިއެވެ.
އެ ޖަމިއްޔާއިން މިކަން ހާމަކޮށްފައިވަނީ މިކަމާއި ގުޅޭގޮތުން ސަލަފުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ސަލަފުން ބުނެފައިވަނީ އެ ޖަމިއްޔާއާއި ގުުޅުވައި މިނިސްޓަރު މަހްލޫފް ހެއްދެވީ އިތުރުފުޅު ކަމަށެވެ. އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
"މަދަނީ ޖަމިއްޔާތަކުގެ ބެލެނިވެރިކަމުގެ މަގާމުގައި ހުންނަވާ ކަމުގެ ހަގީގަތް ބެލުމެއްނެތި، މިފަދަ ނުރައްކާތެރި ތުހުމަތެއް ކުރެއްވުމަކީ ޖަމިއްޔަތުއް ސަލަފާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކުރައްވާފައިވާ ވަރަށް ޒިންމާދާރު ކުޑަ ނާތަހުޒީބު އަމަލެއްކަމުގައި އަޅުގަނޑުމެން ދެކެމު" ސަަލަފުން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ނޫސްބަޔާނުގައި ސަލަފުން ބުނެފައިވަނީ ރާއްޖޭގައި ޔޯގާގެ ކަންކަން ހިންގަން ފެށި ހިސާބުން ފެށިގެން އަބަދުވެސް އެކަމުގެ ހުކުމާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުންދިޔަނަމަވެސް އެ ޖަމިއްޔާއަކީ އެއްވެސް ހާލެއްގައި ޝަރުއީ ހުދޫދޫން ބޭރުން ގައުމުގެ އަމްނު އަމާންކަން ނަގާލައި ފަރުދުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ، ގައުމުގެ އަމްނާއި ސަލާމަތު ބަލަހައްޓަވާ ފަރާތްތަކާ ކުރިމަތިލައި ހިންގާ ވަޔަލަންޓް ހަރަކާތްތަކަށް ތާއީދުކުރާ ބައެއް ނޫންކަމަށެވެ. އަދި އެ ހަރަކާތަކީ އެ ޖަމިއްޔާއާ ގުޅުންހުރި ހަރަކާތެއް ނޫންކަން އެކަން ހިނގުމުގެ ކުރިން އެ ޖަމިއްޔާއިން މީޑިއާ ސްޓޭޓްމެންޓެއްގައި ހާމަކޮށްފައިވާނެކަމަށްވެސް ބުުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް