ހަރަދު ކުޑަކުރަން އަންގާފައިވާތީ ނަޝީދު ދެ ދަތުރުފުޅެއް ކެންސަލް ކުރައްވައިފި

ދައުލަތުގެ ހަރަދު ކުޑަކުރަން އަންގާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ދަތުރުފުޅެއް ކެންސަލް ކުރައްވައިފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ހަރަދ...

21 Jun 2022 | 07:49

ދައުލަތުގެ ހަރަދު ކުޑަކުރަން އަންގާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ދަތުރުފުޅެއް ކެންސަލް ކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ހަރަދު ކުޑަކުރަން އަންގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ވެސް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށާއި އެއާ އެއްގޮތަށް މަޖިލީހުން އަމަލުކުރާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ކެންސަލް ކުރެއްވީ ކޮމަންވެލްތާއި އުޒްބަކިސްތާނަށް ވަޑައިގަތުމަށް ލިބިފައިވާ ދަތުރުފުޅުތަކެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފިނޭންސް މިނިސްޓްރީން އަންގާފައިވަނީ5،000 ރުފިޔާއަސްވުރެ މަތީ ހަރަދުތައް ނުކުރެއްވުމަށެވެ. އެހެންކަމުން އަވައްޓެރި ސްރީލަންކާއަށްވުރެ ދުރަށް ދެވެން ނެތް ކަމަށެވެ.

ނަޝީދުވަނީ މިދިޔަ ހަފްތާ ބަންދުގައި އެ ގައުމަށް ވަޑައިގެންފަ އެވެ.

މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ހުރިހާ އިދާރާތަކަށް ފޮނުއްވި ސާކިއުލާގައި ވަނީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުންދާ ކަމަށެވެ.

އެހެންވެ މި ދަނޑިވަޅުގައި ދައުލަތުގެ ބަޖެޓަށް ބުރަވާ ފަދަ އެއްވެސް ހަރަދެއް ނުކުރުމަށާއި ހަރަދު ކުޑަކޮށް އިގްތިސާދު ކުރުމަށް އެ ސާކިއުލާގައި ވަނީ އަންގަވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް