އިންޑިއާގެ އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައިގަ އަސާމް ސްޓޭޓްގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭވެހި 4.7 މިލިއަން މީހުން ހާލުގައި ޖެހިއްޖެ އެވެ.
އެ ސްޓޭޓްގެ އެކި ޑިސްޓްރިކްޓުތަކަށް ހުއްޓުމެއް ނެތި ދެ ދުވަސް ވަންދެން ބޯކޮށް ވާރޭ ވެހިފައިވެ އެވެ. ބައެއް ސަރަހައްދުތަކުގައި ކަރުތާ ފެނަށް ފެން އަރާފައި ވާކަމަށްވެ އެވެ.
އަސާމް ސަރުކާރުން ބުނީ ވިއްސާރައިގަ އެ ސްޓޭޓްގެ 35 ޑިސްޓްރިކްޓުގެ ތެރެއިން 34 ޑިސްޓްރިކްޓަކަށް އަސަރު ކޮށްފައިވާ ކަމަށެވެ. ފެންބޮޑުވުމުގެ ސަބަބުން 4.7 މިލިއަން މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހުނު އިރު މިހާތަނަށް 45 މީހުން ވަނީ މަރުވެފައި އެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް، 1،425 ރިލީފް ކޭމްޕުވަނީ ހަދާފަ އެވެ. އަސާމް ސަރުކާރުން ބުނީ އެތަންތަނަށް މީހުން ގެންދިއުމާއި އެތަނުގައި ތިބި މީހުންނަށް ކެއުމާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ.
މީގެ އިތުރުން ފެންބޮޑުވެފައިވާ ސަރަހައްދުތަކަކަށް ދަތުރު ކުރުމަށްވެސް ކަމާ ބެހޭ ފަރާތްތަކަށް ދަނީ ވިއްސާރައިގެ ސަބަބުން ދަތިތަކާއި ކުރިމަތިވަމުންނެވެ.
މިއީ މިއަހަރު ތެރޭގައި އަސާމް ވިއްސާރައިގަ މިހާލަތަށް ދިޔަ ދެ ވަނަ ފަހަރެވެ. މިދިޔަ މަހު އެ ސްޓޭޓަށް ކުރި ވިއްސާރައިގަ 39 މީހުން މަރުވެފައިވާއިރު އެފަހަރުވެސް ގިނަ ޑިސްޓްރިކްޓުތަކެއްގައި ފެން ބޮޑުވި އެވެ.
ވިއްސާރައިގަ ލިބެމުންތަކާއި ގެއްލުންތަކާއި ގުޅިގެން އަސާމް ސްޓޭޓްގެ ގިނަ ޑިސްޓްރިކްޓުތަކަކަށް އޮތީ ރެޑް އެލާޓު ނެރެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް