އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމްކޮށްގެން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން މަސައްކަތް ކޮށްގެން ހަ މީހަކު ހައްޔަރު ކޮށްފި އެވެ.
މިއަދު ހެނދުނު7:00 ގައި ފަށަން ހަމަޖެއްސި ހަރަކާތް އާންމުން ވަދެ ހުއްޓުވީ އެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަދައްކަވަމުން ދަނިކޮށެވެ. މި ހަރަކާތް ބާއްވާފައި މިވަނީ ދީނީ އިލްމުވެރިން އެކަމާއި ދެކޮޅު ހަދައި ޔޯގާ ކުރިޔަށް ނުގެންދިއުމަށް އެދި މަހުލޫފަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.
މިއަދުގެ އެ ހަރަކާތް ހުއްޓުވި މައްސަލައިގަ ހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެއީ ހުސް ދިވެހިން ކަމަށް ވިދާޅުވި އެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެވެ.
މި ހަރަކާތް ފުރަތަމަ ކުރިއަށްގެންދަން އުޅުނީ ރަސްފަންނުގައެވެ. އެކަމަށް ސިޓީ ކައުންސިލުން ހުއްދަ ނުދިނުމުން ދެ އެ ހަރަކާތް ގެންދަން ނިންމީ ގަލޮޅު ދަނޑުގައެވެ.
ހެނދުނު ހައެއް ޖަހާއިރު ފަށަން އޮތް އެ ހަރަކާތަށް މީހުން ގަލޮޅު ދަނޑަށް ވަންނަމުންދިޔައިރުވެސް އާންމުން ދިޔައީ ގަލޮޅު ދަނޑުގެ ބޭރުގައި އަޑުގަދަކުރާ ބޭނުންކޮށްގެންނާއި ބެނާ އާއި ޝުއޫރު ލިޔެފައިވާ ބޯޑުތަކާއެކު އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެެވެ.
ރަސްމިއްޔާތުގައި މަހްލޫފު ވާހަކަފުޅު ދައްކަވަން ފެއްޓުމާއެކު އާންމުން ވަނީ ދަނޑަށް ވަދެގަނެ އެ ހަރަކާތް ހުއްޓުވައި، ދަނޑުގައި ޖަހާފައިހުރި ދިވެހި އަދި އިންޑިއާ ދިދަތައް ބިމުން ލުހެލައި ބައެއް ޔޯގާ މެޓްތައްވެސް ވީދާލާފަ އެވެ.
ފަހުން ފުލުހުން ވަނީ އާންމުން އެ ސަރަހައްދުން ބޭރުކޮށްފައެވެ. ފަހުން ޔޯގާ ހަރަކާތް ކުރިއަށްގެންދިޔައީ ފުލުހުންގެ ފުރިހަމަ ހިމާޔަތުގައި މަދު އަދަދެއްގެ ބަޔަކާއި އެކުގައެވެ.
އޭރުވެސް އާންމުން ގަލޮޅު ދަނޑުގެ ބޭރުގައި އެ ހަރަކާތާއި ދެކޮޅަށް އަޑު އުފުލަމުން ގެންދިޔައެވެ. މި ހަރަކާތް ހުއްޓުވަން އުޅުނު އާންމުންގެ ތެރޭގައި ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކާއި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ.
ޔޯގާ އަކީ އިސްލާމް ދީނާ ދެކޮޅު، އަދި ބުދު ދީނުގެ އަޅުކަމުގެ ބައެއްގެ ގޮތުގައި ދީނީ ބައެއް އިލްމުވެރިން ދެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް