މިއަދު ގަލޮޅު ދަނޑުގައި ކުރިއަށްގެންދަން އުޅުނު ޔޯގާގެ ބޮޑު ހަރަކާތް، އާންމުން ނިކުމެ ދަނޑުތެރެއަށްވަދެގަނެ ހުއްޓުވުމުންވެސް ފުލުހުންގެ ހިމާޔަތާއެކު މަދު ބަޔަކާއެކު އެ ހަރަކާތް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން، ބައިނަލްއަގްވާމީ ޔޯގާ ޑޭ އާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތް ފުރަތަމަ ކުރިއަށްގެންދަން އުޅުނީ ރަސްފަންނުގައެވެ. އެކަމަށް ސިޓީ ކައުންސިލުން ހުއްދަ ނުދިނުމުން ދެ އެ ހަރަކާތް ގެންދަން ނިންމީ ގަލޮޅު ދަނޑުގައެވެ.
ހެނދުނު ހައެއް ޖަހާއިރު ފަށަން އޮތް އެ ހަރަކާތަށް މީހުން ގަލޮޅު ދަނޑަށް ވަންނަމުންދިޔައިރުވެސް އާންމުން ދިޔައީ ގަލޮޅު ދަނޑުގެ ބޭރުގައި އަޑުގަދަކުރާ ބޭނުންކޮށްގެންނާއި ބެނާ އާއި ޝުއޫރު ލިޔެފައިވާ ބޯޑުތަކާއެކު އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެެވެ.
އެ ހަރަކާތް ފެށުމުގެ ގޮތުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވާހަކަފުޅު ދައްކަވަން ފެއްޓުމާއެކު އާންމުން ވަނީ ދަނޑަށް ވަދެގަނެ އެ ހަރަކާތް ހުއްޓުވާފައެވެ.
އާންމުން ވަދެގަނެ، ދަނޑުގައި ޖަހާފައިހުރި ދިވެހި އަދި އިންޑިއާ ދިދަތަކުގެ ދިދަ ދަނޑިތައް ބިމުން ލުހެލައި ބައެއް ޔޯގާ މެޓްތައްވެސް ވީދާލިއެވެ.
ނަމަވެސް ފަހުން ފުލުހުން ވަނީ އާންމުން އެ ސަރަހައްދުން ބޭރުކޮށްފައެވެ. ފަހުން ޔޯގާ ހަރަކާތް ކުރިއަށްގެންދިޔައީ ފުލުހުންގެ ފުރިހަމަ ހިމާޔަތުގައި މަދު އަދަދެއްގެ ބަޔަކާއި އެކުގައެވެ. އޭރުވެސް އާންމުން ގަލޮޅު ދަނޑުގެ ބޭރުގައި އެ ހަރަކާތާއި ދެކޮޅަށް އަޑު އުފުލަމުން ގެންދިޔައެވެ.
https://twitter.com/Raajje_tv/status/1539070699650023424
މި ހަރަކާތް ހުއްޓުވަން އުޅުނު އާންމުންގެ ތެރޭގައި ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކާއި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ.
ޔޯގާ އަކީ އިސްލާމް ދީނާ ދެކޮޅު، އަދި ބުދު ދީނުގެ އަޅުކަމުގެ ބައެއްގެ ގޮތުގައި ދީނީ ބައެއް އިލްމުވެރިން ދެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް