އަތޮޅުތެރެއަށް 15 ޕީސީއާރް މެޝިން ފޮނުވުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވެއްޖެއެެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު، އުމުރުން 10 އަހަރުގެ މިޝްކާއަށް އަވަސް ފަރުވާ ދިނުމުގައި ވެފައިވާ އިހުމާލު ދެނެގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަަރ ކޮމިޓީން ބޭއްވި ދެވަނަ ބައްދަލުވުމުގައި، އަތޮޅުތެރޭގެ ކޭސްތައް އިތުރުވަމުން އަންނާތީ، ޓެސްޓް ހެދޭނެ އިންތިޒާމްތައް ބައެއް ހިސާބުތަކުގައި ނެތް ކަމަށް މެމްބަރަކު ވިދާޅުވުމުން ދެއްވި ޖަވާބުގައެވެ.
މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި، އަތޮޅު ތެރެއަށް 15 ޕީސީއާރް މެޝިން ފޮނުވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މި މެޝިންތަކަކީ، 8 ގަޑި އިރުގެ ތެރޭގައި 80 ސާމްޕަލް ރަން ކުރެވޭ މެޝިންތަކެއް ކަމަށެވެ.
މެޝިންތައް ބަހައްޓާ ރަށްތަކެއް ހާމައެއް ނުކުރައްވަ އެވެ.
މީފެ އިތުރުން، ޖުލައި މަހުގެ ތެރޭގައި އިތުރު 5 ޕީސީއާރް މެޝިން ލިބޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް، ކޮންމެ އަތޮޅެއްގައި މެޝިނެއް ބެހެއްޓުމުގެ ވިސްނުން އަދި ނެތް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އަތޮޅުތެރޭގައި ބަލި އިތުރުވުމުގެ އެންމެ ބޮޑު ސަބަބީ ގައިޑްލައިންތަކަށް އަމަލު ނުކުރުން ކަމަށެވެ. އަދި މި ކަމުގެ ޝަކުވާ މިނިސްޓްރީއަށްވެސް ލިބެމުން އަންނަ ކަމަށެވެ.
މި ފަހަކަށް އައިސް މާލެއަށްވުރެ އަތޮޅުތެރެއިން ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް