އަތޮޅު ތެރޭގައި ކޭސްތައް އިތުރުވީ އުސޫލުތަކަށް އަމަލުނުކުރީމަ ކަމަށް ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވެއްޖެއެެވެ.
ނަސީމް މިހެމް ވިދާޅުވީ، މިއަދު، އުމުރުން 10 އަހަރުގެ މިޝްކާއަށް އަވަސް ފަރުވާ ދިނުމުގައި ވެފައިވާ އިހުމާލު ދެނެގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަަރ ކޮމިޓީން ބޭއްވި ދެވަނަ ބައްދަލުވުމުގައި، އަތޮޅުތެރޭގެ ކޭސްތައް އިތުރުވަމުން އަންނާތީ އެ ކަމަށް އިޝާރާތްކޮށް މެމްބަރަކު ކުރެއްވި ސުވާލަަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، އަތޮޅުތެރޭގައި ބަލި އިތުރުވުމުގެ އެންމެ ބޮޑު ސަބަބީ ގައިޑްލައިންތަކަށް (އުސޫލުތަކަށް) އަމަލު ނުކުރުން ކަމަށެވެ. އަދި މި ކަމުގެ ޝަކުވާ މިނިސްޓްރީއަށްވެސް ލިބެމުން އަންނަ ކަމަށެވެ.
މި ފަހަކަށް އައިސް މާލެއަށްވުރެ އަތޮޅުތެރެއިން ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެެވެ.
މިޝަކާގެ މަރުގެ މައްސަލައަށް އިޝާރާތްކުރައްވައި މިނިސްޓަރ ވިދާޅުވީ، އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވުމަށް މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ހެލްތް މިނިސްޓްރީން ކުރިއަށްގެންދިތަ ތަހުގީގުގެ ރިޕޯޓްގައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވާ މީހުންނަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ޖުލައި މަހު ކޮމިޓީއާ ބައްދަލު ކުރައްވާނެ ކަމަށެވެ.
މި މައްސަލާގައި އިހުމާލުވި މީހުން ހޯދުމަށް ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި ފުރިހަމަ ރިޕޯޓް އާންމުކުރީ، 20 ޖޫން 2021 ގައެވެ. މި ރިޕޯޓުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބަޔާން ކޮށްފައެވެ. އެހެންނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއްކަން ބަޔާން ކޮށްފައެއް ނުވެއެވެ.
މިނިސްޓަރ ވިދާޅުވީ، މިމައްސަލާގައި އިހުމާލުވި ސިއްޙީ ޚިދުމަތްތެރިންނާއި އެޗްއީއޯސީގެ މީހުންނަށްވެސް ފިޅަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އެޗްއީއޯސީގައި މައުލޫމާތު ހިއްސާކުރަން އޮންނަ އުސޫލަށް ބަދަލު ގެނެސްފައިވަނީ ހެލްތް މިނިސްޓްރީގެ ގަވާއިދުތަކާ ޚިލާފަށް އެޗްއީއޯސީން ކަމަށެވެ.
މިތަހުގީގުން އެޗްއީއޯސީގައި ހުރި ދޯދިޔާވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތުވެސް މެޑިކަލް އޮފިސަރުން އޯވަރސީ ކުރާނެ ސްޕެޝަލިސްޓެއް ނެތުމާއި، ހުރިހާ މާއުލޫމާތުތައް ބެލޭނެ އެއް ޕްލެޓްފޯމެއް ނުތުމުން އެޗްއީއޯސީގައި ކަން ހިނގާގޮތް މެނިޓަރ ނުކުރެވޭކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވެފައިވަނީ ދޮޅު އަހަރު ވެގެންދިޔައިރު މިފަދަ ހާދިސާއެއް ހިނގާފައިނުވާތީ އެކަންކަން ދާގޮތް ނުބެލި އޮތީ ކަމަށެވެ. އެހެންނަމަވެސް މިހާރު، އެޗްއީއޯސީގެ އޮޑިޓެއް ހެދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް