ނަފުރަތުގެ ބިލާ ދެކޮޅު ހެދުމަށް އެދި ކާށިދޫ ކައުންސިލްގެ ސިޓީއެއް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރަށް ފޮނުވައިފިއެވެ.
ކާށިދޫ ރައްޔިތުންގެ ފަރާތުން، ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރު ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައި ވަނީ، އެ ބިލު ފާސްވިޔަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދިނުމަށާއި ބިލާއި ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި އަޑުއުފުލައިދީ، ބިލާއި ދެކޮޅަށް ވޯޓްދިނުމަށް އެދޭ ކަމަށެވެ.
އެ ބިލަކީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި “ނަފްރަތުގެ އަމަލު ހިިންގުން” ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ ބިލެވެ.
ކާށިދޫ ކައުންސިލްގެ ސިޓީގައި ވަނީ، ޤާނޫނު އަސާސީގެ123 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމުގެ ސަބަބުން ދިވެހިރާއްޖޭގައި ޒަމާނުއްސުރެ މި އޮތް ސުންނަތްޖަމާާޢަތުގެ ޞައްޙަ އަޤީދާގެ ބަދަލުގައި ބާޠިލު ޢަޤީދާއެއް އުފެއްދުމާއި، ދީނީ ގޮތުން ހަރުކަށި މީހުނާއި ލާދީނީ ފިކުރުތަކުގެ އަހުލުވެރިންގެ ބާޠިލު ވާހަކަތަކުގެ ޙަޤީޤަތް ބަޔާންކޮށްދިނުމަށް އޮންނަ އިސްލާމް ދީނުގެ މަތިވެރި އަސްލެއް ކަމުގައިވާ ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުމުގެ އަސްލަށް ހުރަސްއެޅޭ ކަމަށެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން، ދީނީ އެއްބައިވަންތަކަން ގެއްލިދާނެކަމެއް ކަން، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާކަމަށް އެ ސިޓީގައި ވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުން ވެސް އެބިލު ބަލައިނުގަތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ލަފާދެއްވާފައި ވާކަމަށް މީޑިޔާ ރިޕޯޓްތަކުން އެނގެން އޮތުމާއެކު، އެކި ސިޔާސީ ފިކުރަށް ތާއީދުކުރައްވާ ދީނީ ޢިލްމުވެރިންނާއި ޤާނޫނީ ފަންނުގެ ބޭފުޅުންވެސް މިބިލް ބަލައިނުގަތުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންދާ ކަމަށް ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި، ނަފްރަތުގެ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިން ސޮއިކުރައްވާ، ޢިލްމުވެރިންގެެ ޖަމުއިއްޔާގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް