މިނިސްޓްރީ އޮފް އެންވަޔަރަންމެންޓާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އާބަދީ ބޮޑު ހަ ސަރަހައްދެއްގައި 11 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމް ޤާއިމުކުރުމަށް ހުޅުވާލި ފުރުސަތުގައި އެމަސައްކަތްކުރުމަށް ޕްރިކޮލިފިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ބިލަން ހުށަހެޅުމަށް ދައުވަތު ދީފިއެވެ.
މި މަޝްރޫޢުގެ ދަށުން 11 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރާ ރަށްތަކަކީ:
- އައްޑޫ ސިޓީ (ހުޅުދޫ މީދޫ ހިމެނޭ ގޮތަށް)
- ފުވައްމުލައް ސިޓީ
- ކުޅުދުއްފުށީ ސިޓީ
- ގދ. ތިނަދޫ
- ބ. އޭދަފުށި
- ޅ. ހިންނަވަރު
މި ސަރަހައްދުތަކުގެ ސޯލަ ހަކަތައިގެ ނިޒާމު ޤާއިމުކުރުމަށް ބީލަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހެވެ. މި މަޝްރޫޢުގެ މަސައްކަތައް ހުޅުވާލުމުން 61 ކުންފުންޏަކުން ވަނީ މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރިކޮލިފިކޭޝަން ހުށަހެޅުމަށްޓަކައި ރަޖިސްޓަރވެފައިވާ ކަމަށާއި އޭގެތެރެއިން 34 ކުންފުންޏަކުން ވަނީ މި ނިޒާމްތައް ޤާއިމްކުރުމަށް ޕްރިކޮލިފިކޭޝަން ހުށަހަޅާފައި ކަމަށް އެންވައިރަންމެންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެ މިނިސްޓްރީން ބުނެފައި ވަނީ، މިފަދަ މަޝްރޫޢުތަކުގައި އަމަލުކުރާ އުސޫލުތަކަކީ މަޝްރޫއަށް އިއުލާންކޮށް ޕްރިކޮލިފިކޭޝަން ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކޮށް މި ކުންފުނިތަކަކީ މިފަދަ މަސައްކަތްކުރުމަށް ފަންނީ އަދި މާލީ ގާބިލުކަން ހުރި ކުންފުނިތަކެއްތޯ ވަޒަންކޮށް، ބީލަން ހުށަހެޅުމުގެ ދައުވަތު ދެނީ ހަމައެކަނި ޝަރުތު ހަމަވާ ކުންފުނިތަކަށް ކަމަށެވެ.
އެގޮތުން މި މަޝްރޫޢުގެ މަސައްކަތަށް ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން ޝަރުތުހަމަވެ ބީލަން ހުށަހެޅުމުގެ ދައުވަތު އެރުވީ 12 ކުންފުންނަކަށެވެ.
އެސަޕަޔަރ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސޯލަރ ހަކަތައިގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
އެސްޕަޔަރ ޕްރޮޖެކްޓްގެ އިތުރުން ވޯލްޑް ބޭންކްގެ އެހީގައި ހިންގާ އެރައިސް ޕްރޮޖެކްޓުންވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސޯލަރ ޕީވީގެ ނިޒާމުތައް ގާއިމްކުރުމަށް ވަނީ އިއުލާނުކުރެވިފައެވެ. އެގޮތުން (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11 – 14 މެގަވޮޓް ސޯލަރ ހަކަތައިގެ ނިޒާމެއް ރާއްޖޭގެ 14 ރަށެއްގައި ޤާއިމުކުރުމަށް ޖޫން މަހުގެ 17 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އެ ރަށްތަކަކީ:
- ގއ. ވިލިނގިލި
- ދ. ކުޑަހުވަދޫ
- ށ. ފުނަދޫ
- ޅ. ނައިފަރު
- ލ. ފޮނަދޫ
- ލ. ގަން
- ލ. ހިތަދޫ
- ލ. މާމެންދޫ
- ލ. ކުނަހަންދޫ
- ލ. މާބައިދޫ
- ލ. ދަބިދޫ
- ލ. މާވަށް
- ލ. އިސްދޫ
- ލ. ކަލައިދޫ
އެސްޕަޔަރ އަދި އެރައިސް މަޝްރޫޢުގެ ދަށުން އަލަށް ސޯލަރ ޕީވީގެ ނިޒާމް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެއެވެ.
އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ %30 އަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެއެވެ.
އެންވައިރަންމެންޓް މިނިސްޓްރީން ހިންގާ އެސްޕަޔަރ އަދި އެރައިސް މަޝްރޫޢަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާރލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫޢެކެވެ.
މިގޮތުން ޕްރައިވެޓް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، އިންވެސްޓްކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރުމާއިއެކު މިކަމަށް ފުރުޞަތުތައް ހުޅުވައިދިނުމާއި އަދި މިކަމާއި ގުޅޭ ތަމްރީން ދިނުން މި މަޝްރޫޢުގައި ހިމެނޭކަމަށް އެ މިނިސްޓްރީންް މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް