ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ދިރިއުޅުއްވަން އެންމެ ރަނގަޅީ ތީމުގެ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލު ކުރައްވައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވަން ބިނާ ކުރެއްވި ތީމުގެ އާއި މެދު އެމްޑީޕީން އޭރު އިދިކޮޅުގައި ތިބެ ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އަދި ރައީސް މައުމޫންގެ ވެރިކަން ނިމުމަށް ފަހު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށް ސުޕްރީމް ކޯޓު ތީމުގެއަށް ބަދަލު ކުރައްވައި އެމަނިކުފާނު ދިރިއުޅުއްވީ މުލިއާގޭގަ އެވެ.
އަދި ފަހުން ރައީސް އަބްދުﷲ ޔާމީނާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދިރިއުޅުއް ވަނީ މުލިއާގޭގަ އެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގައި ދިރިއުޅުއްވީ އެމަނިކުފާނު ނައިބު ރައީސް ކަމުގައި ދިރިއުޅުއްވި ހިލާލީގޭގައި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ގެ ހަމަޖައްސައިދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ސަލާމަތީ ކޮމެޓީން ނިންމައި އެކުލަވާލި ރިޕޯޓަށް ކުރި ބަހުސްގައި އެ ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ރިޔާސީ ގަނޑުވަރު، ތީމުގެއަކީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވަން ވަރަށް އެކަށީގެންވާ ގޮތަށް ހަދައިފައިވާ ގަނޑުވަރެއް ކަމަށެވެ. އަދި ތީމުގެ ބިނާކުރި އިރު އެތައް ފާޑުކިޔުން އަމާޒުވި ނަމަވެސް އެ ތަނަކީ ރައީސް މައުމޫންގެ ސްޓްރެޓެޖީކް ވިސްނުންފުޅާއެކު ސަލާމަތީ ގޮތުން ރައްކާތެރި އެތައް ފިޔަވަޅުތަކެއް ހިމެނޭ ގޮތަށް ބިނާކުރި ގަނޑުވަރެއް ކަމަށެވެ.
އަސްލަމް ވަނީ ރައީސް މައުމޫންގެ އެ ނިންމެވުން ވަރަށް ރަނގަޅު ކަމަށް ވިދާޅުވެފައި އެވެ.
އަސްލަމްގެ ވާހަކައަށް ތާއިދު ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ ތީމުގެއަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ގޮތުގައި ބޭނުން ކުރުމަށް ފަހުން ސުޕްރީމްކޯޓު އެ ގަނޑުވަރަށް ބަދަލު ކުރި ކުރުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ޒަމާނީ ގޮތަށް އޭރު ދިވެހި ރައްޔިތުންގެ ފައިސާއިން ތައްޔާރުކުރެވިފައި ހުރި ތީމު ގެއަކީ ރައީސަކަށް ދޭން ޖެހޭ ސެކިއުރިޓީ ދެވޭ ގޮތަށް ހުރި ތަނަކަށް ވާއިރު އެތަން އެގޮތަށް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވިދާޅުވީ މަޖިލީހުގެ ރައީސާއި އުއްތަމު ފަނޑިޔާރަށް ވުރެ ހުރިހާ ގޮތަކުން ވެސް ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ނުރައްކާ މާ ބޮޑުވާނެ ކަމަށެވެ. އަދި މުލިއާގެއަކީ ވަރަށް ކުރިން ބިނާ ކުރި ތަނަކަށް ވެފައި އެތަނަކީ ރައީސަކު ހުންނަވަން މިހާރު އެެންމެ އެކަށީގެންވާ ތަނަކަށް ނުވާ ކަމަށެވެ.
ޝަރީފު ވިދާޅުވީ މިހާރު ތީމުގޭގައި ހުރި ސުޕްރީމް ކޯޓަށް ރަނގަޅު އިމާރާތެއް ލިބުމުން ވީހާވެސް އަވަހަށް ތީމުގެއަކީ ރައީސްގެ ގަނޑުވަރަށް ހަދަން ޖެހޭ ކަމަށެވެ. އަދި މިއަދު ގައުމުގެ މައްސަލަތައް ހުރި ގޮތުން އަދި ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެއީ ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ވިދާޅުވި އެވެ.
ބިންގަރާހަކާއި އެކު ހަދާފައިވާ ތީމުގެއަކީ މައުމޫން ސަރުކާރުގައި އަމިއްލަ ބާރާއި މުއްސަނދިކަމުގައި އުޅުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހަދާފައިވާ ތަނެއް ކަމަށް ބުނެ އެންމެ ބޮޑަށް ފާޑުކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މެމްބަރުންނެވެ. އެމްޑީޕީ 2008 ގައި ވެރިކަމަށް އައިސް ނަޝީދު ވަނީ މުލިޔާގެ އާންމުންނާއި ނޫސްވެރިންނަށް ދައްކައި މައުމޫން ބޭޒާރު ކުރަން މަސައްކަތް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް