ޕްރިންސް ހެރީގެ ދަރިންނަށް ޝާހީ ނަމާއި މަގާމު ނުލިބޭނެ ކަމަށް ބައްޕާފުޅު ކަނޑައަޅައިފި

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ރަސްކަމަށް ވަޑައިގެންނެވިޔަސް އޭނާގެ ދަރިންނަށް ޝާހީ ނަމާއި ލަގަބު ނުލިބޭނެ ކަމަށް ބައްޕާފުޅު ޕްރިންސް ޗާލްސް ކަނޑައަޅައިފި އެވެ. ޝާހީ އާއިލާ އާއި ހަވާލާދީ މީޑިއާގައި ރ...

21 Jun 2021 | 10:21

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ރަސްކަމަށް ވަޑައިގެންނެވިޔަސް އޭނާގެ ދަރިންނަށް ޝާހީ ނަމާއި ލަގަބު ނުލިބޭނެ ކަމަށް ބައްޕާފުޅު ޕްރިންސް ޗާލްސް ކަނޑައަޅައިފި އެވެ.

ޝާހީ އާއިލާ އާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރިންސް ޗާލްސް މިގޮތަށް ނިންމެވީ ޝާހީ ނަން ކަމަށްވާ "ޕްރިންސަސް ނުވަތަ ޕްރިންސް" ކިޔައި ދަރިފަސްކޮޅު އިތުރު ކުރުމުން އިނގިރޭސިވިލާތުގެ ރައްޔިތުންގެ ހިތްހަމަ ނުޖެހުން އިތުރުވުމާއި ދައުލަތަށް ހަރަދު ބޮޑުވާތީ އެވެ. މިހާރުވެސް އެ ގައުމުގެ ރައްޔިތުންގެ ފަރާތުން ޝާހީ އާއިލާއަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ވަމުންނެވެ.

މިހާރު ޝާހީ އާއިލާ ދެމިގެންދާ ގޮތުން ޕްރިންސް ހެރީގެ ދޮށީ ފިރިހެން ދަރިކަލުން އާޗީ އަކީ މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަސްކަމުގެ ތަހުތާއި ހަތް ވަނައަށް ވަޑައިގެންނަވަން ހުރި ބޭފުޅާއެވެ. އާޗީގެ ކުރިން ޕްރިންސް ވިލިއަމް އާއި ތިން ދަރިން އެބަތިއްބެވެ.

ޕްރިންސް ހެރީގެ ދަރިންނަށް ޝާހީ ނަން ނުދޭން ޝާހީ އާއިލާއިން ނިންމި އިރު ހެރީ އާއި މޭގަން ވަނީ ޝާހީ އާއިލާއިން އަމިއްލައަށް ވަކިވެވަޑައިގެންފަ އެވެ. އަދި ޝާހީ އާއިލާގެ އެއްވެސް އެހީއެއް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ޕްރިންސް ހެރީގެ ދެމަފިރިކަނބަލުންނަށް މިމަހު ވަނީ އަންހެން ބޭފުޅަކުވެސް ލިބިވަޑައިގެންފަ އެވެ. ލިލީބެޓް ޑަޔާނާގެ ނަމުން އެ ދަރިކަނބަލުންނަށް ނަން ދީފައިވާއިރު އެއީ ކުއީން އެލިޒަބަތާއި ޕްރިންސަސް ޑަޔާނާ އާއި ގުޅުވައި ކިޔާފައިވާ ނަމެކެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުން އެންމެ ބޮޑަށް ޝާހީ އާއިލާ އާއި މެދު ނުރުހުން ފާޅު ކުރަމުންދަނީ އެ އާއިލާ އަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކައިބޮއެ ދިރިއުޅޭ ހަދާ ބަޔަކަށް ވާތީ އެވެ. އެގޮތުން ޕްރިންސް ނުވަތަ ޕްރިންސަސް ކިޔާ އެ އާއިލާގެ ކޮންމެ މީހަކަށް ދައުލަތުން ސެކިއުރިޓީ ދީ، ދައުލަތުން މުސާރަ ދޭއިރު އެމީހުންގެ ހުރިހާ ހަރަދެއް ބަލަހައްޓަން ޖެހެނީ ދައުލަތުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕްރިންސް ޗާލްސް މިގޮތަށް ނިންމެވިޔަސް ޝާހީ އާއިލާއިން ރަސްމީކޮށް އަދި މިކަން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް