އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ހުންނަވައިގެން އަލީ ޝަރީއަތުގައި ބައިވެރިވަނީ

މިއަދު ބޭއްވުމަށް ހަމަޖެފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކުރިޔަށް ގެންދަނީ އޮންލައިންކޮށް އޭނާ ބައިވެރިވެވަޑައިގެންކަން އެނގިއްޖެ އެވެ. މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މ...

21 Jun 2021 | 08:31

މިއަދު ބޭއްވުމަށް ހަމަޖެފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކުރިޔަށް ގެންދަނީ އޮންލައިންކޮށް އޭނާ ބައިވެރިވެވަޑައިގެންކަން އެނގިއްޖެ އެވެ.

މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާއިރު ބޭސް ފަރުވާއަށް ކަމަށް ބުނެ އަލީ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ. ބޭސް ފަރުވާއަށް ދިން މުއްދަތު މިމަހުގެ ނުވަ ވަނަ ދުވަހަށް ހަމަވިއިރު ރާއްޖެ ވަޑައި ނުގެން ކްރިމިނަލް ކޯޓަށް އެންގެވީ އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންގޮސްދިނުމަށެވެ.

އަލީގެ މި އެދުމާއި ގުޅިގެން މި މަހުގެ 10 ވަނަ ދުވަހަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައި އެވެ. އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވާ ގޮތަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިއަދުގެ ޝަރީއަތުގައި އޭނާ ބައިވެރިވެވަޑައިގެންނަވަނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ހުންނަވައިގެންނެވެ. އެ ތަނަކީ ރާއްޖޭގެ އިހްތިސާސް ހިނގާ ތަނެކެވެ.

މި ޝަރީއަތުގައި އަލީ ވަހީދު އޮންލައިންކޮށް ބައިވެރިވެވަޑައިގަތުމުގެ ކަންކަން ފުރިހަަކުރީ ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރި ކޮށެވެ. އަލީ ވަހީދު ވަނީ ކޯޓާއި ޕީޖީ އޮފީހަށް ނުލިބިގެން އުޅުނު އޭނާ ދިރިއުޅުއްވާ އެޑްރެހާއި ފޯނު ނަމްބަރުވެސް ކްރިމިނަލް ކޯޓާއި ހިއްސާ ކޮށްފައި ކަމަށްވެ އެވެ.

އަލީގެ ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހު 3:00 ގައި އެވެ.

މި މައްސަލައިގަ ޕީޖީ އޮފީހުން ވަނީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް އަލީ ވަހީދަށް ޝަރީއަތުގައި ބައިވެރިވުމަށް ގާނޫނު ތަން ނުދޭ ކަމަށް ބުނެފައި އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ޝަރީއަތް ކުރިޔަށް ދަނީ ރާއްޖޭގެ ގާނޫނު ހިނގާ ތަނަކަށް ވާންޖެހޭތީ އެވެ.

މިހާރު އިންތިޒާމް ހަމަޖެއްސި ގޮތުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވެވަޑައިގެންނަވަނީ ރާއްޖޭގެ ގާނޫނު ހިނގާ ތަނެއްގައި އެވެ.

މިނިސްޓަރަކަށް ހުންނެވި އިރު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަލީ ވަހީދާއި ދެކޮޅަށް މި މައްސަލައިގަ ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ.

އޭތެރޭގައި ޖިންސީ އަނިޔާ ކުރުން، ރޭޕް ކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނު ކަމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް